15 Sep 2020, 15:49
ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ކޮވީޑްް19އަށް ޕޮޒިޓިވްވެ، އިތުރު ފަރުވާއަށް ފުރަތަމަ ގެނައި ދެމީހުން ފަރުވާއަށްފަހު ދޫކޮށްލައިފި އެވެ.
ގއ. ދާންދޫ ހޯމް ކަރަންޓިންގައި ހުއްޓާ ޕޮޒިޓިވްވި އެ ދެމީހުން ވިލިނގިލީ ކޮވިޑް ފެސިލީޓީއަށް ގެންދިޔައީ މިމަހު ދެވަނަ ދުވަހުއެވެ. އެއީ އުމުރުން 52 އަހަރުގެ އަންހެނަކާއި އޭނާގެ 19 އަހަރުގެ ފިރިހެން ދަރިފުޅެވެ.
ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ޝަރީފު މިއަދު "ސަން"އަށް ވިދާޅުވީ، އެ ދެމައިން ބަލިން ފަސޭހަވެގެން މިއަދު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.
"މިއަދު މެންދުރު 2:00 ގައި ދެ ދެ ބޭފުޅުންވެސް ވަނީ ބަލިން ރަނގަޅުވެ ދޫކޮށްލާފައި. ދެމައިންގެ ހާލުވެސް ވަރަށް ރަނގަޅު،" ޝަރީފު ވިދާޅުވިއެވެ.

ހޮސްޕިޓަލުގެ ނަރުހުންގެ ފަރާތުން ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު ބަލިން ފަސޭހަވި މީހަކަށް ހަދިޔާއެއް އަރުވަނީ: އަދިވެސް އެ ހޮސްޕިޓަލުގައި ދެ މީހަކަށް ދަނީ ފަރުވާ ދެމުން --- ފޮޓޯ/ ގއ. އަތޮޅު ހޮސްޕިޓަލު
ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް މިހާތަނަށް ޖުމްލަ ހަތަރު މީހަކު ގެނެވުނެވެ. މިހާރު ފަރުވާ ދެމުން ދަނީ، ދެ މީހަކަށެވެ. އެ ދެ މީހުންނަކީ، މިވަގުތު ކޮމިއުނިޓީ ސްޕްރްޑްގެ ބިރު އޮތް ގދ. ހޯނޑެއްްދުއިން ހާލު ދެރަވެގެން ގެނައި އުމުރުން ދުވަސްވީ ދެމީހުންނެވެ. އެއީ 59 އަހަރުގެ މީހަކާއި 80 އަހަރުން މަތީގެ މީހެކެވެ.
މިހާތަށް ރައްޖެއިން ކޮވިޑަށް 9،200 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި އިރު، 7،536 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ބަލިން ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 1،668 އެވެ. އޭގެ ތެރެއިން 105 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ބަލި ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 33 އެވެ.