ފުލުސް އޮފީސް ކައިރިއަށް ރޭ މީހުން އެއްވެ ޝުއޫރު ފާޅުކުރަމުން ދަނިކޮށް ފުލުހުން އަންހެނަކަށް ގޯނާކޮށް އޭނާގެ ބުރުގާއަށް ދެމި ކަމަށް ބުނެ ޑީއާރްޕީން އެކަން ކުށްވެރިކޮށްފި އެވެ.

ޑީއާރްޕީން ބުނަނީ ރޭގެ އެއްވުމުގައި ޝުއޫރު ފާޅުކުރަމުން ދަނިކޮށް ފުލުހުން ގޯނާކޮށްފައި ވަނީ އެޕާޓީގެ އަންހެނުންގެ ކައުންސިލް މެންބަރު ނަޒީރާ އިބްރާހިމަށް ކަމަށާއި ފުލުހުން ނަޒީރާގެ ބުރުގާއަށް ދަމާފައިވާ ކަމަށެވެ.

ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި އެ ޕާޓީގެ ކައުންސިލް މެންބަރު ސަންދާން އަހަންމައިދީ ރޭ ފުލުހަށް ހާޒިރު ކުރުމުން ފުލުހުންގެ މައި އިދާރާ ކުރިމައްޗަށް އެއްވި މީހުންގެ ތެރޭގައި ހުރެ ނާޒީރާ ޝުއޫރު ފާޅު ކުރަމުން ދަނިކޮށް ފުލުހުން ވަނީ އެއްވި މީހުން ފަހަތަށް ޖައްސަން މަސައްކަތްކޮށްފަ އެވެ. އެ ހާދިސާގެ ތެރޭ މީހުންތައް ބޮނޑިވެ ނަޒީރާގެ ބުރުގާ އިރުކޮޅެއް ވަންދެން ބޭލިފައި އޮތެވެ. އަދި "ގަންޖާފޯސް ބުރުގާ ބޭލީއޭ" ކިޔައި ނަޒީރާ ވެސް އަޑު ހަރުކޮށްފައިވެ އެވެ.

އެހެން ނަމަވެސް ފުލުހަކު ނަޒީރާގެ ބުރުގާ ބޭލި މަންޒަރު ފެނިފައެއް ނުވެ އެވެ. ފަހުން ނަޒީރާ ހަޅޭއްލަވަމުން ދިޔައިރު ނަޒީރާގެ ގާތުގައި ތިބީ އަންހެން ފުލުހުންނެވެ.

ޑީއާރްޕީގެ އަންހެނުންގެ ގޮފީގެ ނައިބު ރައީސާ ރޮޒެއިނާ އާދަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އިދިކޮޅު ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކުރުމާ ދެކޮޅަށް ނަޒީރާ ފުލުސް އޮފީސް ދޮށުގައި ރޭ ޝުއޫރު ފާޅުކުރަމުން ދަނިކޮށް ފުލުހުން އޭނާގެ ގަޔަށް ބޮލަށް އަރައި ހިންގި އަމަލަކީ އިންސާނީ ހައްގުތަކާއި ހިލާފު އަމަލެއް ކަމަށާއި އެފަދަ އަމަލުތައް ހިންގާ ފުލުހުންނާއި މެދު ފިޔަވަޅު، އަޅައި ދިނުމަށް އެދި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް މިއަދު މައްސަލަ ހުށައަޅާނެ ކަމަށެވެ.

މީގެ އިތުރަށް ވެސް ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް ރޭ ހިޔާލު ފާޅުކުރައްވަނިކޮށް ފުލުހުން އޭނާ ބަނދުކުރި ކުރުން ވަރަށް ހަރުކަށި އިބާރަތުން ކުށްވެރިކުރާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ފުލުސް އޮފީސް ދޮށަށް އެއްވި މީހުންނަކީ މުޒާހަރާއެއް ކުރާގޮތަށް އެއްވި ބައެއް ނޫން. ބަޔަކު ނަހަމަ ގޮތުގައި ބަންދުކުރުމުގެ ކަމެއް ފަށައިގެން އުޅޭތީވެ އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން އެއްވި ބައެއް. ޝަރީފަކީ ވެސް ހަމަނުޖެހުމެއް ހިންގި ބޭފުޅެއް ނޫން ހިޔާލު ފާޅުކުރަމުން ދަނިކޮށް ފުލުހުން ހައްޔަރުކުރީ،" ރޮޒައިނާ ވިދާޅުވި އެވެ.

Rozaina (mp3)

އޭނާ ވިދާޅުވީ ގާނޫނު އަސާސީގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ދީފައިވާ އިރު ރައްޔިތުން އެއްވެ ހިޔާލު ފާޅުކުރަމުން ދަނިކޮށް ބަޔަކު ހައްޔަރުކޮށް ސަރުކާރު ވައްޓާލަން ޖަރީމާ ހިންގާ ކަމަށް ބުނުމުން އެއީ ގާނޫނީ އޮނިގަނޑު ތެރެއަށް ފެތޭނެ ވާހައެއް ނޫން ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ނަޒީރާ ވެސް ބައިވެރިވި އެވެ. އޭނާ ބުނީ އޭނާ ހިޔާލު ފާޅުކުރަމުން ގެންދިޔައީ ސަރުކާރުގެ ހަރުމުދާ ވިއްކަމުން ދާތީ އެކަމާ ދެކޮޅަށް ކަމަށާއި އެގޮތަށް އަޑު އުފުލަމުން ދަނިކޮށް ފުލުހުން އައިސް އޭނާ ގަޔަށް އަތްލާ ބުރުގާގައި ހިފާ މޭމަތީގައި ޖަހާ އަނިޔާކުރީ ކަމަށެވެ.

"އަޅުގަނޑު ނުރުހުމުގެ ސިޔާރު ފާޅުކުރަމުން ދިޔައީ. ރޭގެ ޝިޔާރެއްގެ ގޮތުން ގޮވަމުން ދިޔައީ ރާއްޖޭގެ ހަރުމުދާ ވިއްކަމުންދާ ރައީސް މީހާ ބަންދުކުރުމަށް ފަހު ރައްޔިތު މީހާ ބަންދުކުރޭ. މިހެން ކިޔާނަން މިހެން ކިޔޭނެ،" ނަޒީރާ ބުންޏެވެ.

"ކީއްވެ ނުދައްކަނީ؟" އޭނާ ސުވާލު ކުރި އެވެ.

ރޮޒެއިނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ބިރުދައްކައި އެ ފަރާތްތައް ހައްޔަރުކުރުމުގެ އެންމެ އިސްފަރާތަކަށް ހުރީ ހޯމް މިނިސްޓަރު ހަސަން އަފީފު ކަމަށާއި އޭބޭފުޅާއަކީ މިވަގުތު ދުނިޔޭގެ ފެންވަރުން ވެސް އަނިޔާވެރި ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ މީގެކުރިން ތުލުސްދޫ އާއި ފުނަދޫ މައްސަލައިގައި ވެސް ފުލުހުންނަށް އޯޑަރުދެއްވާ ރައްޔިތުނަށް އަނިޔާކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރެއްވެވީ ހަސަން އަފީފު ކަމަށެވެ. ހަސަން އަފީފުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމުގެ މައްސަލާގައި ޑީއާރްޕީގެ ޕާލިމެންޓް މެންބަރުންނާއި މަޝްވަރާ ކުރެއްވުމަށް ފަހު އެކަމާއި މެދު ޑީއާރްޕީން ނިންމާ ނިންމުމެއް ހާމަކުރަށްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.