15 Sep 2020, 10:17
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި އިިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، ޑީކެޓަގަރީގައި ހިމެނޭ 32 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވުމުން ޕޮއިޓް ދިން ގޮތުގެ ތަފްސީލު ހިމެނޭ ވަގުތީ ލިސްޓެއް އާންމުކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޑީ ކެޓަގަރީގައި ހިމެނޭ 32 ފްލެޓަށް 835 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ.
ޕޮއިންޓް ލިބިފައިވާގޮތާ މެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށް ފަހު އައްޑޫ ސިޓީ ކައުންސިލަށް ނުވަތަ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަވަށު އޮފީހަށް ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ކައުންސިލުން ބުނެފައި ވަނީ ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 24 ކަމަށެވެ.
ފްލެޓް ލިބޭ ފަރާތްތަކުންގެ ލިސްޓު އާންމުކުރެވޭނީ ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ނުވަތަ ސާފު ނުކުރާ މައުލޫމާތުތަކަށް ބަލައި ލިސްޓަށް ބަދަލެއް ގެންނަން ޖެހޭ ނަމަ އެ ބަދަލެއް ގައުމަށް ފަހުގައި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.
ހިތަދޫގައި އިމާރާތް ކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، 150 ފްލެޓް ހާއްސަ ކުރެވިފައި ވަނީ ހިތަދޫ ރައްޔިތުންނަށެވެ. މަރަދޫ އާއި މަރަދޫ ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް 30 ފްލެޓް ހާއްސަކޮށްފައިވާ އިރު، 50 ފްލެޓް ހާއްސަކޮށްފައި ވަނީ ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށެވެ.
ހުޅުދޫގައި އިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން، ހުޅުދޫ އާއި މީދޫ އަވަށުގެ ރައްޔިތުންނަށް ހާއްސަކޮށްފައި ވަނީ 23 ފްލެޓެވެ. އަދި ހުޅުދޫ، މީދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައި ވަނީ 15 ފްލެޓެވެ.