މޮސްކޯ (ސެޕްޓެމްބަރު 15): ރަޝިއާގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހާ ހަމަޔަށް ބޭއްވި ލޯކަލް އިންތިހާބުތަކުގައި އެގައުމުގެ ސައިބީރިއާގެ ދެ ސިޓީއެއްގެ ކައުންސިލުން ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ކުރިއެރުންތަކެއް ލިބިއްޖެ އެވެ.

ރަޝިއާގެ ލޯކަލް އިންތިހާބުގައި އެގައުމުގެ ބައެއް ސަރަހައްދުތަކަށް ގަވަރުނަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ސިޓީ ކައުންސިލްތަކަށް މީހުން ހޮވާފައިވެ އެވެ.

އެ އިންތިހާބުގައި 18 ސަރަހައްދެއްގެ ގަވަރުނަރުން ހޮވުމަށް ވޯޓު ނެގި އިރު، އޭގެ ތެރެއިން ގިނަ ސަރަހައްދުތައް ކާމިޔާބު ކުރީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ ޔުނައިޓެޑް ރަޝިއާ ޕާޓީންނެވެ. އަދި 13 ކެންޑިޑޭޓުން އިންތިހާބު ކާމިޔާބު ކުރީ 70 ޕަސެންޓަށް ވުރެ ގިނަ ވޯޓު ހޯދައިގެންނެވެ.

ނަމަވެސް ރަޝިއާގެ ސައިބީރިއާއިން ވެރިކަން ކުރާ ޕާޓީއަށް ވަނީ އާދަޔާ ހިލާފު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން އެ ސަރަހައްދުގައި އޮންނަ ރަޝިއާގެ ތިން ވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ނޯވާސަބިޔަރިސްކްއިން އެ ޕާޓީއަށް ލިބުނީ ކައުންސިލުގެ 50 ގޮނޑީގެ ތެރެއިން 22 ގޮނޑި އެވެ. އެހެންކަމުން މީގެ ކުރިން ޔުނައިޓެޑް ރަޝިއާއަށް 33 ގޮނޑި ލިބިފައި އޮތް އެ ކައުންސިލްގެ އަގުލަބިއްޔަތު އެ ޕާޓީއަށް ވަނީ ގެއްލިފަ އެވެ.

މީގެ އިތުރުން ސައިބީރިއާގެ ތޮމްސްކްގެ ކައުންސިލްގެ 37 ގޮނޑީގެ ތެރެއިން ޔުނައިޓެޑް ރަޝިއާއަށް ލިބުނީ 11 ގޮނޑި އެވެ. އެއާ އަޅާ ބަލާއިރު މީގެ ކުރިން ބޭއްވި ކައުންސިލް އިންތިހާބުން އެ ޕާޓީއަށް 21 ގޮނޑި ލިބުނެވެ.

ތޮމްސްކް އަކީ ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ހާލު ކުއްލިއަކަށް ގޯސްވުމުގެ ކުރިން އޭނާ އެންމެ ފަހުން ކެމްޕެއިން ކުރެއްވި ސިޓީ އެވެ. އަދި ނަވަލްނީއަށް ތާއިދު ކުރާ ދެ މީހަކަށް ތޮމްސްކްއިން ގޮނޑި ލިބުނު އިރު ނޯވާސަބިޔަރިސްކްއިން އޭނާއަށް ތާއިދު ކުރާ ފަސް މީހަކަށާއި ނުވަ މިނިވަން ކެންޑިޑޭޓުންނަށް ގޮނޑި ލިބުނެވެ.

އެ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ނަވަލްނީ އާއި އޭނާގެ ޓީމުން ވަނީ ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓުންގެ މައްޗަށް ކުރި ހޯދޭނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކޮންމެ ކެންޑިޑޭޓަކަށްވެސް އެމީހުން ތާއިދު ކުރާނެ ކަމަށް ބުނެފަ އެވެ.

މިދިޔަ މަހުގެ 20ގައި ނަވަލްނީއަށް ފަރުވާ ދޭން ފެށީ ތޮމްސްކްއިން މޮސްކޯއަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގައި އޭނާ އިންނަވަނިކޮށް ހޭނެތުމުންނެވެ. އޭގެ ފަހުން ކޯމާއެއްގައި އޮތް ނަވަލްނީ ޖަރުމަނުގެ ބާލިންއަށް ގެންދިޔައީ ސައިބީރިއާގެ އޮމްސްކްގެ ހޮސްޕިޓަލެއްގައި ދެ ދުވަހަށް ފަރުވާ ދިނުމަށް ފަހުގަ އެވެ. އޭނާ ހޭ އެރީ މިދިޔަ ހަފްތާގައި ކަމަށާއި މިހާރު އޭނާއަށް ހެލިފެލިވެ އުޅެވޭ ކަމަށް ބާލިންގެ ޑޮކްޓަރުން ބުނެ އެވެ.

ޖަރުމަނުން ނަވަލްނީއަށް ފަރުވާ ދިން ޑޮކްޓަރުން ބުނި ގޮތުގައި އޭނާއަށް ވިހަ ދީފައިވާކަން ޓެސްޓުތަކުން އެނގެ އެވެ. އަދި އެގައުމުގެ ސަރުކާރުން ވަނީ ނަވަލްނީއަށް ދީފައި ވަނީ ނޮވިޗޮކް ގުރޫޕުގެ ކެމިކަލް ނާވް އޭޖެންޓެއް ކަމަށް ބުނެފަ އެވެ.