15 Jan 2012, 13:18
ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދާގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ތަހުގީގު ކޮށްދިނުމަށް ފުލުސް އޮފީހުގައި އެދިފައި ހުރި މައްސަލަތަކަކީ ހަގީގަތެއްގެ މައްޗަށް ހުރި ވާހަކަތަކެއް ނޫން ކަމަށާއި އެ މައްސަލަތައް ބެލެންނެތް ކަމަށް ހޯމް މިނިސްޓަރު ހަސަން އަފީފް މިއަދު ވިއްދާޅުވެއްޖެ އެވެ.
"ހަގީގަތާ އެއްގޮތަށް ހުށަހެޅޭ މައްސަލަތަށް ބެލޭނީ. އެއީ [ހުށަހެޅި މައްސަލަތަކަކީ) ހަގީގަތަކާއި އެއްގޮތަކަށް [ހުރި މައްސަލަތަކެއް] ނޫން، މި ރާއްޖޭގެ ރަށްތައް އަޑިއަށްދާ ވާހަކަ އެއީ އެބޭފުޅުން [އިދިކޮޅު ފަރާތްތައް] އަމިއްލައަށް ދައްކާ ވާހަކައެއް. ރަށްރަށުގެ ގޮނޑުދޮށްތައް ގިރަމުންދާ ވާހަކައަކީ ރާއްޖޭގެ ރަށްތަށް އައްޑިއަށްދާ ވާހަކައެއް ނޫން،" ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެން އާދަމް ބިލްޑިންގުގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި އަފީފް ވިދާޅުވި އެވެ.
ފުލުހުންނަށް ހުށަހަޅާ މައްސަލައެއްގެ ތަހުގީގު ކުރާނީ އެ މައްސަލައެއްގައި ތަހުގީގު ކުރާނެ ކަމެއް އޮތް ނަމަ ކަމަށާއި ތަހުގީގު ކުރާނެ ތަނެއް ނެތް މައްސަލައެއް ހުށަހެޅިޔަސް އެ މައްސަލައެއް ނުބެލޭނެ ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ބެހޭ ގޮތުން ހުށަހެޅި މައްސަލަތަށް ނުބެލި ހުރީ އެ މައްސަލަތަކުގައި ހަގީގަތެއް ނެތުމުން ކަމަށެވެ.
"ހަގީގަތެއްގެ މައްޗަށް ހުށަނޭޅޭ މައްސަލަތަކެއް ތަހުގީގުކުރާކަށް ނުޖެހޭނެ. ޕީޖީ ވިޔަސް ގާޒީއެއް ވިޔަސް ފަނޑިޔާރެއް ވިޔަސް ސަރުކާރުވި ޔަސް މީޑިޔާ ވިޔަސް ގާނޫނަށް ތަބާވާންޖެހޭނެ. ގާނޫނާ އެއްގޮތަށް ކަންތައް ކުރަންޖެހޭނީ،" އަފީފް ވިދާޅުވި އެވެ. "ހަގީގަތެއް ނެތީމާ ނުބެލި ހުންނާނީ. މިތަނުން ބަލާނެ އޭގައި ހަގީގަތެއް އޮތް ތޯ،"
ސަރުކާރާ ގުޅޭ ގޮތުން އެކި ފަރާތްތަކުން ދައްކާ ސާބިތު ނުހިފޭ ވާހަކަތައް ތަހުގީގު ކުރާނެ ކަން އިއުލާން ކުރުމާއެކު ގައުމީ ޕާޓީން ވަނީ ރާއްޖެއާ ގުޅޭގޮތުން ރައީސް ނަޝީދު ބޭރުގެ މީޑިޔާ ތަކުގައި ދައްކަވާ ވާހަކަފުޅުތައް ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު މީޑިޔާއަށް އިންޒާރު ދެއްވާ މައްސަލަ ވެސް ވަނީ ފުލުސް އޮފީހަށް ވައްދާފަ އެވެ. ނަމަވެސް އަދި މިހާތަނަށް އެ މައްސަލަތަކުގެ ތަހުގީގަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެ އެވެ.
~
ސަރުކާރުން ރެއާއި އިއްޔެރޭ އިދިކޮޅު ފަރާތްތަށް ހައްޔަރުކޮށް ސާބިތު ނުހިފޭ ދޮގު ވާހަކައިގެ މައްސަލަގައި ތަހުގީގު ހިންގާފައި ވާއިރު އަފީފް ވިދާޅުވީ އެ މައްސަލައިގައި ހާޒިރު ކުރި އެއްވެސް ބޭފުޅަކަށް އެބޭފުޅުން ދެއްކެވި ވާހަކަތައް ސާބިތު ކޮށްދެވިފައި ނުވާ ކަމަށާއި ސަރުކާރުން ދީން ނައްތާލާ ކަމަށް ވާހަކަ ދައްކާ ކޮންމެ ބަޔަކު އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.
"އެއްވެސް ބަޔަކަށް ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް ގެން މަސައްކަތް ކުރާކަށް މި ސަރުކާރަކުން ޖާގައެއް ނުދޭނަން. ތިޔަބޭފުޅުން ވެސް [މީޑިޔާއިން] ވެސް ހަނދުމަފުޅު ކުރައްވަން ޖެހޭނެ އެކަން ކުރުމަކީ ޖަރީމާއެއް. އެފަދަ ކަމަކަށް ޖާގައެއް ދޭކަށް މި ސަރުކާރުން ނެތީން. އަދި މީޑިޔާގައި ވެސް ހަބަރުތައް ފަތުރާ އިރުގައި ތިޔަބޭފުޅުން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަން،" އަފީފު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހަގީގަތާ ހިލާފު ވާހަކަ ދެއްކުމުގެ މައްސަލަ ތަހުގީގުގެ މަރުހަލާއަށް ދާންޖެހުނީ މީޑިޔާތަކުން ހަގީގަތާ ހިލާފު ވާހަކަތަށް ފަތުރާތީ ކަމަށާއި މީޑިޔާ ރެގިއުލޭޓްކުރާ މުއައްސަސާތަކަށް އެކަމުގައި އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތް ކަމަށެވެ.
"މިއަދު މީޑިޔާ ކޮމިޝަން ވެސް ބްރޯޑްކާސްޓިން ކޮމިޝަން ވެސް އެބަޖެހޭ މިއަށްވުރެ ޒިންމާދާރުކޮށް މީޑިޔާގެ ކަންތައްތައް ކުރިއަށް ގެންދަން. އެ ބޭފުޅުންގެ ޒިންމާ އަދާ ނުކުރެވިގެން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭތީ އެ ވާހަކަ މި ދަންނަވާލީ."
ލިޔުމާ ގުޅޭ އޯޑިއޯ: