އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިދިޔަ ފެބްރުއަރީ މަހު ކުރިއަށް ދިޔަ ބޮޑެތި މުޒާހަރާތައް ލޭ އޮހޮރުވުމަކަށް ބަދަލުވި ހާދިސާއާ ގުޅިގެން އެގައުމުގެ މަޝްހޫރު ޖަވާހިރުލާލް ނެހެރު ޔުނިވާސިޓީ (ޖޭއެންޔޫ)ގެ ދަރިވަރުންގެ ލީޑަރެއްކަމަށްވާ އުމަރު ހާލިދު ހައްޔަރުކޮށްފި އެވެ.

ދިއްލީގެ ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެ ހަމަނުޖެހުންތަކުގެ މުގުލުގައި ހުރި އެކަކީ އުމަރެވެ. ހާލިދު ނިސްބަތްވަނީ "ޔުނައިޓެޑް އެގެއިންސްޓް" ހޭޓް ނަމަކަށް ކިޔާ ގްރޫޕަކަށެވެ.

ހާލިދާއެކު އެ މުޒާހަރާތަކުގައި ބައިވެރިވި އެތަކެއް އެކްޓިވިސްޓް ދަރިވަރުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އުމަރު ހައްޔަރުކުރުމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑިކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ޖޭއެންޔޫގެ އިތުރުން މުޒާހަރާތައް ކުރިއަށް ގެންދިޔަ ދިއްލީގެ އެހެން ޔުނިވާސިޓީއެއް ކަމަށްވާ ޖާމިއާ މިލާ އިސްލާމިއާގެ ދަރިވަރުންގެ އެކްޓިވިސްޓް ލީޑަރު ސޮފޫރާ ޒަރުގާރު ވެސް ފުލުހުން މިފަހުން ހައްޔަރުކުރި އެވެ. ނަމަވެސް ސަފޫރާއަކީ މާބަނޑު އަންހެނަކަށްވާތީ، އޭނާ ހައްޔަރުކުރުމުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމުން ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

ދިއްލީގައި ފެބްރުއަރީ މަހު މުޒާހަރާތައް ބޭއްވީ ބައެއް މުސްލިމުންގެ ރައްޔިތުކަން ގެއްލޭ ގޮތަށް މި އަހަރު ކުރީކޮޅު ފާސްކުރި ސިޓިޒަންޝިޕް ބިލާ ގުޅިގެންނެވެ. ސުލްހަވެރިކަމާ އެކު ކުރިއަށް ދިޔަ މުޒާހަރާތައް ހޫނުވީ ހަރުކަށީ ހިންދޫން އެ މުޒާހަރާތަކަށް ވަދެ ހަމަލާދޭން ފެށުމުންނެވެ.

އެ ލޭ އޮހޮރުވުންތަކުގައި 50 އަށްވުރެ ގިނަ މީހުން މަރުވި އެވެ. ގިނައިން މަރުވެފައިވަނީ މުސްލިމުންނެވެ. -- ބީބީސީ