15 Sep 2020, 08:06
ބައެއް ރަށްރަށުގައި ކުރިއަށް ގެންދާ އެކްޓިވް ސާވައިލެންސްގެ ތެރެއިން ބައެއް މީހުން ސާމްޕަލް ދިނުމަށް ދެކޮޅު ހަދަމުން އަންނަ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
މީގެ ކުރިން އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް ވެސް ދެކޮޅު ހެދި މައްސަލަތަކެއް ފެންމަތިވި އެވެ.
އެޗްއީއޯސީގެ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ދުވަސްވީ މީހުންގެ ސާމްޕަލް ނަގަން ދެކޮޅު ހެދުމުގެ މައްސަލަތައް މިހާރު ދިމާ ނުވަ ކަމަށެވެ.
މިހާރު ދުވަސްވީ މީހުންގެ ސާމްޕަލް ގިނައިން ނަގަނީ، ބައްޔަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވެފައިވާ ނަމަ ނުވަތަ، އެހެން ސަބަބަކާ ހެދި ހޮސްޕިޓަލުގައ އެޑްމިޓް ކުރަންޖެހޭ ހާލަތުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް ފާހަގަ ކޮށްލަން، ބައެއް ފަހަރު އެކްޓިވް ސަވައިލެންސް އިން އަޅުގަޑުމެން ސާމްޕަލް ނަގަން އުޅޭއިރު، ހާއްސަކޮށް ރަށްރަށުން ސާމްޕަލް ނަގަން އުޅޭ އިރު ބައެއް ބޭފުޅުން އެބަ ދެކޮޅު ހައްދަވާ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެ ރަށެއްގައި ބަލި ނެތުމުން، ކޮންމެހެން ސާމްޕަލް ނަގަން ނުޖެހޭ ކަމަށް ބައެއް ފަރާތްތަކަށް ހީވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ނަމަވެސް ރަށެއްގައި ބަލި އުޅޭކަން ވެސް ދެނެގަނެވެނީ ވެސް ހިސާބަކަށް ޓެސްޓުކޮށްގެން ކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.
"އެހެންވީމަ ބަލި އުޅޭކަން ދެނެގަންނަން އެންމެ އަވަހަށް، އެންމެ ފަސޭހައިން ކުރެވޭނެ ކަމަކީ ފްލޫ ކްލިނިކަށް ދާ މީހުންގެ ސާމްޕަލް ނެގުމާ އަދި އެހެން ވެސް ބައެއް ކަހަލަ ހާލަތްތަކުގައި ދޭތެރެ ދޭތެރެއިން އެކްޓިވް ސާވައިލެއްންސަށް ސާމްޕަލް ނެގުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް، ސާމްޕަލް ދިނުމަށް އެދުމުން އެކަމަށް ކިޔަމަންވުމަށް ޑރ. ނަޒްލާ އިލްތިމާސްކުރެއްވި އެވެ. ސާމްޕަލް ނެގުމަކީ ސީދާ މީހާއަށް ގެއްލުމެއް ލިބޭ ކަމެއް ނޫންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މާލޭގައި އެތައް ފަހަރަކު ސާމްޕަލް ނަގާފައިވާ މީހުން ތިބޭނެކަން ފާހަގަކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ ސާމްޕަލް ނަގައި ޓެސްޓު ކުރުމަކީ ތިމާގެ ބަލި ހުރި ނަމަ އެކަން އަވަހަށް ދެނެގަނެ، ގާތް މީހުން ބަލިން ރައްކާތެރި ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
ތުއްތު ކުދިންގެ ސާމްޕަލް ނަގަން ބައެއް ބެލެނިވެރިން ޖެހިލުންވާކަން ފާހަގަ ކުރައްވައި، ޑރ. ނަޒްލާ ވިދާޅުވީ ތުއްތު ކުއްޖާގެ ބަލި ހުރިތޯ ނުވަތަ ނޫންތޯ ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އޭރުން އަޅުގަނޑުމެންނަށް އެކުއްޖަކަށް ދޭންޖެހޭ ފަރުވާ ވެސް، ފަރުވާ ދޭން ޖެހޭ ކަމަށް ވަންޏާ ފަރުވާ ދެވޭނީ ވެސް. ކުއްލިއަކަށް ބަލީގެ ހާލަތު ދަށްވުން ވެސް އެކަށީގެންވެސް ވޭ. ބަލި ހުރިކަން އެނގުނީމަ ރަނގަޅަށް މޮނީޓާ ކުރަމުން ގެންދެވޭނީ. އެހެންވީމަ ސާމްޕަލް ނަގަން އެދުނީމަ ސާމްޕަލް ނެގުމަކީ ވަރަށް މުހިންމު ކަމެއް. ހާއްސަކޮށް ކޮންޓެކްޓުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.