14 Sep 2020, 21:53
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދައުލަތުން އިއްވި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން މާދަމާ ހައިކޯޓުގައި ތާވަލުކޮށްފި އެވެ.
ވަގުތުން ލައިވް ކުރުމަށް ހަމަޖެހިފައިވާ އެ ޝަރީއަތް ތާވަލުކޮށްފައި ވަނީ މާދަމާ މެންދުރު 2:00 އަށެވެ.
އެ މައްސަލާގައި އެންމެ ފަހުން އަޑުއެހުމަށް ބާއްވާފައި ވަނީ މިދިޔަ މަހު 27ގަ އެވެ. އެ އަޑުއެހުމުގައި އަދީބު އެދިވަޑައިގެންފައި ވަނީ ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް ދިނުމަށެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންްޗުން މިއަދު ނިންމެވީ އަދީބަށް ވަކީލަކާ ބައްދަލުކުރައްވައި، ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.
އެ މައްސަލަ ނިމެންދެން އަދީބު ޖަލު ބަންދަށް ބަދަލު ކުރުމަށް މީގެ ކުރިން ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ހައިކޯޓުގައި އަދީބުގެ އިސްތިއުނާފު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ނިިޔާޒްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން މަޒީދެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި، އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީއާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއާއި މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.
އެ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ގާޒީ އިސްމާއިލް ރަޝީދެވެ. އެ މައްސަލާގައި އަމަލު ކުރެއްވި ގޮތުގެ ސަބަބުން ގާޒީ އިސްމާއިލް ރަޝީދު ސަސްޕެންޑު ކުރަން ޖޭއެސްސީ އިން ވަނީ ނިންމައިފަ އެވެ.