15 Jan 2012, 12:22
އިބްރާހީމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުންނާއި އަންނަ ފަސިންޖަރުންގެ މައުލޫމާތު އެ މީހަކު ދާ ގައުމަކަށް، ނޫނީ ރާއްޖެ އައުމުގެ ކުރިން އެޑްވާންސްކޮށް އެނގޭނެ ސިސްޓަމެއް އެއާޕޯޓް އިމިގްރޭޝަންގައި ބެހެއްޓުމުގެ މަސައްކަތް އިމިގްރޭޝަނުން ފައްޓައިފި އެވެ.
ކޮންޓްރޯލަރު އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީގައި އެއާޕޯޓްގައި ގާއިމު ކުރާ "އެޑްވާންސް ޕެސެންޖާ އިންފޮމޭޝަން ސިސްޓަމް" ]އޭޕީއައިއެސް[ އިންސިޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެ ސިސްޓަމް ގާއިމު ކުރުމުން ރާއްޖެ އަންނަ މީހަކު އަދި އެހެން ގައުމަކަށް ރާއްޖެ އިންދާ މީހެއްގެ މައުލޫމާތު ބޯޓު ޖެއްސުމުގެ ކުރިން އެ ގައުމެއްގެ ސަރުކާރަށް ލިބޭނެ ކަމަށެވެ.
"ރާއްޖޭގައި އެ ސިސްޓަމް ގާއިމު ކުރުމުން، ރާއްޖެ އަށް ދަތުރު ކުރާ ހުރިހާ މަތިންދާ ބޯޓެއްގައި، ދަތުރު ކުރާ މީހުންގެ ލިސްޓް މި ކޮޅު އިމިގްރޭޝަނުގައި އޮންނާނެ،" ޝާހިދު ވިދާޅުވި އެވެ. "ހަމަ އެހެންމެ ދެ ކޮޅަށް ވެސް އެ ލިސްޓް ދާނެ. ރާއްޖެ އިން ވެސް އެ ލިސްޓްދާނެ އެއިން ކޮންމެ ގައުމަކަށް،" އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ގާއިމު ކުރާ ސިސްޓަމާ ބެހޭ ގޮތުން ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެޑްވާންސް ޕެސެންޖާ އިންފޮމޭޝަން ސިސްޓަމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ގާއިމުކޮށްފައިވާ ނިޒާމެއް ކަމަށާއި ރާއްޖޭގައި އެފަދަ ސިސްޓަމެއް ނެތުމުގެ ޝަކުވާ ބޭރުގެ ގައުމުތަކުން އުފުލާ ކަމަށެވެ. އަދި ވިދާޅުވީ އެ ސިސްޓަމްގެ ސަބަބުން ރާއްޖެ އިން ބޭރަށް ދާ މީހަކު އަދި ރާއްޖެ އަންނަ މީހެއްގެ މައުލޫމާތު ބޯޓް ޖެއްސުމުގެ ކުރިން ދެނެގަނެވޭނެ ކަމަށާއި އަދި އަޅަން ޖެހޭ ފިޔަވަޅަކަށް އެޑްވާންސްކޮށް ތައްޔާރު ވެވޭނެ ކަމަށެވެ.
އެޑްވާންސްކޮށް އެނގޭނީ ފަސިންޖަރުންގެ ކޮންކޮން މައުލޫމާތުތަކެއްތޯ ދެންނެވުމުން ޝާހިދު ވިދާޅުވީ ޕާސްޕޯޓުގައި ހުންނަ ފަސިންޖަރުންނާ ބެހޭ ހުރިހާ މައުލޫމާތެއް އެޑްވާންސްކޮށް އެނގޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ސިސްޓަމްގެ ހާޑްވެއާ މިހާރު ގާތްގަނޑަކަށް ބަހައްޓައި ނިމިފައިވާ ކަމަށާއި ދެން ޖެހޭނީ ސޮފްޓްވެއާ އިންސްޓޯލް ކުރުމުގެ މަސައްކަތް ނިންމާލަން ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ އެ ސިސްޓަމް ބޭނުން ކުރަން ފެށޭނީ ސިވިލްއޭވިއޭޝަނާއި އަޔާޓާ އާއި އެއާލައިންތަކާ ގުޅިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ސިސްޓަމް ބޭނުން ކުރުމަށް އިންޑިއާ އިން ހަ މީހަކު މިހާރު ވެސް ތަމްރީންކޮށްފައިވާ ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ