14 Sep 2020, 18:49
ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލަށް މެމްބަރުން އައްޔަންކޮށްފިއެވެ.
ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓްގެ ކަންކަން ރާވައި ހިންގާނީ
ކައުންސިލުންނެވެ.
ގާނޫނުގައި ބުނާގޮތުން، ގާނޫނު ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ހިނގާ ފުރަތަމަ ހަތަރު އަހަރު ދުވަހުގެ މުއްދަތުގައި،
އިންސްޓިޓިއުޓް ހިންގަމުން ގެންދާނީ އިންތިގަލީ ކައުންސިލަކުންނެވެ.
އިންތިގަލީ ކައުންސިލުގައި ހިމެނޭނީ އޮޑިޓާ ޖެނެރަލާއި، ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލާ، ކޮމިޝަނާ އޮފް ޓެކްސޭޝަން، އަދި އޮޑިޓަ ޖެނެރަލްގެ އޮފީހުން އޮޑިޓަ ޖެނެރަލް އައްޔަންކުރާ ދެ މެމްބަރުންނާއި، އެކައުންޓަންސީ ޕްރޮފެޝަންގެ ތެރެއިން ޕްރައިވެޓް ސެކްޓާގައި
މަސައްކަތްކުރާ މީހުންގެ ތެރެއިން އޮޑިޓަ ޖެނެރަލް އައްޔަންކުރާ ހަތަރު މެމްބަރުންނެވެ.
ގާނޫނުގައި ބުނާގޮތުން، އިންތިގާލީ ކައުންސިލްގެ ރައީސަކަށް ވާނީ އޮޑިޓަ ޖެނެރަލް އެވެ. ނައިބު ރައީސް ހޮވާނީ އިންތިގާލީ ކައުންސިލްގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
އެކައުންޓަންސީ ޕްރޮފެޝަންގެ ތެރެއިން ޕްރައިވެޓް ސެކްޓާގައި
މަސައްކަތްކުރާ މީހުންގެ ތެރެއިން އެ ކައުންސިލަށް އައްޔަންކުރި ހަތަރު މެމްބަރުންނަކީ ފަރީހާ ޝަރީފް، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ، ހަސަން މުހައްމަދު އަދި މަލިކް މުހައްމަދެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ކައުންސިލަށް އައްޔަންކުރީ، އެސިސްޓަންޓް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާއި އެސްއޯއީ އަދި އެސްބީ އޮޑިޓް ޑިޕާޓްމަންޓުގެ ޑިރެކްޓަރު، އިބްރާހިމް ފަޒީލް އެވެ.
ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހްސެކެވެ.
އެ އިންސްޓިޓިއުޓްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ޗާޓަޑް އެކައުންޓެންސީ ފަންނު ރެގިއުލޭޓްކޮށް ކުރިއެރުވުމާއި، އިންސްޓިޓިއުޓްގެ މެމްބަރުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި، އެކައުންޓެންސީ ދާއިރާގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ ފަރާތްތަކަކީ، އެކައުންޓެންސީގެ ދާއިރާއިން ފަންނީ ތައުލީމާއި ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ކަމުގައި ހެދުމަށް މަސައްކަތް ކުރުމެވެ.
ގާނޫނަށް އަމަލުކުރަން ފެށުމާއެކު ރާއްޖޭގައި އޮޑިޓުކުރުމާއި އެޝޫރެންސްގެ ހިދުމަތްދިނުމުގެ މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ހުއްދަ ދިނުމާއި، ގިންތިކުރުމާއި، މެންބަރުން ރަޖިސްޓަރީކުރުމުގެ އެންމެހައި ކަންކަންކުރުމުގެ ބާރު އެ އިދާރާއަށް ވަނީ ލިބިފައެވެ.
އަދި، ރާއްޖޭގައި ގާނޫނީ އޮޑިޓުކުރުމާއި އެޝޫރެންސްގެ ހިދުމަތް ދިނުމަށް ހުއްދަ ދޫކުރުމާއި، ގިންތިކުރުމުގައި ދައުލަތުގެ މުއައްސަސާތަކުން ކުރަމުން އައި މަސައްކަތް އިންސްޓިޓިއުޓަށް ބަދަލުވާނެއެވެ.