ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލަކީ ގާނޫނާ ހިލާފު އުސޫލެއް ކަމަށް ކަނޑައަޅައި، ހައިކޯޓުން މިއަދު އެ އުސޫލު ބާތިލުކޮށްފި އެވެ.

އެ އުސޫލު ބާތިލުކޮށްދިނުމަށް އެދި ހުށަހެޅީ ޒިމްނާ އަބްދުލްމުހްސިން އަދި ރައީފާ އަބްދުލްވައްހާބްގެ ފަރާތުންނެވެ.

މައްސަލަ ނިންމައި ހައިކޯޓުން މިއަދު ބުނީ އުސޫލުގައި ހަވާލާދީފައިވާ މާއްދާގައި އޮތީ ދެ ކައުންސިލެއްގެ ދެމެދުގައި ހިލާފެއް އުފެދިއްޖެ ނަމަ އަމަލުކުރަންވީ ގޮތް ބަޔާންކުރާ މާއްދާއެއް ކަމަށެވެ.

އަދި އެ މާއްދާއަކީ ކައުންސިލަރުންގެ މައްޗަށް ފިޔަވަޅު އެޅުމާ ގުޅޭ
މާއްދާއެއްކަމަށްނުވާތީ، އެ މާއްދާއާ ހަވާލާދީ ލޯކަލް ގަވަމަންޓް އޮތޯރިޓީން އެކުލަވާލާފައިވާ އުސޫލަކީ އެ ގާނޫނުގެ އިމުގެ ތެރެއިން، ގާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ އުސޫލެއް ނޫން ކަމަށެވެ.

އަދި ގާނޫނު އަސާސީގެ 268 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރުގައި، އެ އުސޫލަކީ ބާތިލު އުސޫލެއްކަން އެނގޭ ކަމަށެވެ.

ހުކުމްގައި ބުނެފައި ލޯކަލް ގަވަމަންޓް އޮތޯރިޓީން އެކުލަވާލައިގެން، 25 ޖުލައި 2016 ގައި އަމަލުކުރަންފެށި "ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލު" އަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 149 ވަނަ މާއްދާއިން ބާރު ލިބިގެން، އެ މާއްދާގެ އިމުގެ ތެރެއިން ހަދާފައިވާ އުސޫލެއް ނޫން ކަމަށެވެ.

އެހެންކަމުން އެ އުސޫލަކީ ރާއްޖޭގެ ގާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) އާއި، 94 ވަނަ މާއްދާއާއި، 271 ވަނަ މާއްދާއާއި، 274 ވަނަ މާއްދާގެ (ހ) އިން ގާނޫނުން ބާރުލިބިގެން ހަދާ ގަވާއިދުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަނުކޮށް، އެ މާއްދާތަކާ ހިލާފަށް އެކުލަވާލާފައިވާ އުސޫލެއްކަމަށްވާތީ، އެ އުސޫލަކީ ގާނޫނު އަސާސީގެ 268 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ހ)ގެ ދަށުން ބާތިލު އުސޫލެއްކަމަށް މައްސަލަ ބެލި ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، ވަނީ ހުކުމްކޮށްފަ އެވެ.

އެ މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހާތިފް ހިލްމީ، ފަނޑިޔާރު އަބްދުالله ހަމީދު އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއެވެ.

ހައިކޯޓުން މިއަދު ބާތިލުކުރި އުސޫލުގެ ދަށުން 2018 ވަނަ އަހަރު ގިނަ ކައުންސިލަރުންތަކެއް ވަނީ ސަސްޕެންޑުކޮށްފަ އެވެ.