14 Sep 2020, 15:03
ކޮވިޑް-19 ޖެހި ހާލު ސީރިއަސްވުމުގެ ސަބަބުން ފަރުވާދެމުން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ ކުރީގެެ މެމްބަރު އިސްމާއިލް ޒަކަރިއްޔާ އަވަހާރަވެއްޖެ އެވެ.
އިސްމާއިލް ޒަކަރިއްޔާގެ ހާލު ސީރިއަސްވެ، ފަރުވާ ދެމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ. އާއިލާއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އިސްމާއިލް ޒަކަރިއްޔާއަށް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގަ އެވެ.
އިސްމާއިލް ޒަކަރިޔާގެ ދަރިކަލުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިސްމާއިލް ޒަކަރިޔާ މީގެ ކުޑަ އިރުކޮޅެއް ކުރިން އަވަހާރަވެފައިވާ ކަމަށެވެ.
މީގެ ކުރިން އާޒިމް "ސަން"އަށް ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލީޓިގައި ފަރުވާ ދިނުމަށްފަހު، ބައްޕަގެ ހާލުބޮޑުވެގެން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރީ، މިދިޔަ މަހު 14 ވަނަ ދުވަހު ކަމަށެވެ.
"ބައްޕައަކީ ގެއިން ބޭރަށް ނުކުން މީހެއް ނޫން. ބަލި ޖެހިފައިވަނީ ގެއިން ބޭރުން އައި އެހެން މީހެއްގެ ފަރާތުން ކަމަށް ބެލެވޭ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ބައްޕައަކީ ބޮޑު ބައްޔަކަށް މީގެ ކުރިން ފަރުވާ ހޯދަމުންދިޔަ މީހެއް ނޫން ކަމަށާއި އެ އުމުރުގައިވެސް އުޅުއްވަނީ ވަރަށް ހަކާތްތެރިކޮށް ކަމަށެވެ.
އިސްމާއިލް ޒަކަރިއްޔާ ވަނީ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރައްވައިފަ އެވެ.
ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއިލްގެ ވެސް ބައްޕަ އިސްމާއިލް ޒަކައްރިއްޔާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ކުޅިވަރާއި ޒުވާނުންނާ ބެހޭ ވުޒާރާގަ އެވެ.
އިސްމާއިލް ޒަކަރިޔާ ކޮވިޑަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އަވަހާރަވިއިރު، ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު 33 އަށް އެރީ އެވެ.
ރޭ އެޗްޕީއޭއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިހާރު ރާއްޖޭގައި 1809 މީހަކަށް ފަރުވާ ދެމުން އަންނަ އިރު، 113 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގަ އެވެ.
މިހާތަނަށް 9،173 މީހުންނަށް ބަލި ޖެހުނުއިރު، 7،326 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.