ވޯލްޑް ޓްރެވެލް އެވާޑްސް އިން ދޭ "ވޯލްޑްސް ލީޑިން އެއާލައިން ޓު އޭޝިއާ 2011"ގެ އެވޯޑް މެލޭޝިއާ އެއާލައިންސް އަށް ލިބިއްޖެ އެވެ. މިއީ މެލޭޝިއާ އެއާލައިންސް އިން މި އެވޯޑް ހާސިލު ކުރި ދެ ވަނަ ފަހަރެވެ.

ގާތްގަނޑަކަށް 213،000 ޕްރޮފެޝަނަލް ޓްރެވެލާސް ބައިވެރިވި އެ މުބަރާތުގައި ދުނިޔޭގެ އެކި ގައުމުތަކުން ޓްރެވެލް އޭޖޭންޓުން ވަނީ ވޯޓުދީފަ އެވެ. އޭޝިއާގެ އެއްމެ މަގުބޫލު އެއާލައިނުގެ އެވޯޑް މެލޭޝިއަން އެއާލައިން އިން ހާސިލުކުރީ ސިންގަޕޫރު އެއާލައިން ފަދަ، އޭޝިއާ ސަރަހައްދުގެ އެއްމެ ބޮޑު ހަތް އެއާލައިނާ ވާދަކޮށްގެނެވެ.

އޮންލައިންކޮށް ވޯޓުލުމަށް ހުޅުވާލައިގެން ވޯލްޑް ޓްރެވެލް އެވޯޑްސް އިން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮތީ މިދިޔަ ބުރާސްފަތި ދުވަހު ދޯހާގައި ބޭއްވުނު ރަސްމިއްޔާތެއްގަ އެވެ.

މެލޭޝިއާ އެއާލައިން ގްރޫޕުގެ ސީއީއޯ އަހުމަދު ޖައުހަރީ ޔަހުޔާ ވިދާޅުވީ އެއާލައިންގެ ބިޒްނަސް ޕްލޭން އާ އެއްގޮތަށް ގިނަ ކަސްޓަމަރުންތަކެއް ހޯދުމަށް އެ އެވޯޑް ވަރަށް މުހިއްމު ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ އަހަރުމެންގެ ބްރޭންޑް ނަން އިތުރަށް ކުރިއެރުވުމަށް، ކުރިއަށް މިއޮތް އަހަރުގެ ތެރޭގައި އެއާލައިނަށް 23 ބޯޓު އިތުރުކުރަން. އޭޝިއާގެ އެންމެ މަގުބޫލު އެވާޑް ލިބުމުން އަޅުގަނޑުމެންނަށް ގިނަ ކަސްޓަމަރުން ހޯދަން ފަސޭހަ ވާނެ. ހާއްސަކޮށް މެލޭޝިއާގެ ކަސްޓަމަރުން،" ޖައުހަރީ ވިދާޅުވި އެވެ.