14 Sep 2020, 14:00
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ވެލުއޭޝަނެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ މިނިސްޓްރީ އިން ތައްޔާރުކޮށްފައިވާ ޓާމްސް އޮފް ރިފަރަންސްއާ އެއްގޮތަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ވެލުއޭޝަން ތައްޔާރުކުރުމަށް ބޭނުންވާ ކަމަށާއި އެކަމަށް ބާއްވާ ޕްރީ ބިޑް މީޓިން މިމަހުގެ 16 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.
އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ މިމަހުގެ 24 ވަނަ ދުވަހުގެ ކުރިންނެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް ހުޅުވާފައިވަނީ 2016 ވަނަ އަހަރުއެވެ. ސަރުކާރައި އެމްއޭސީއެލް އަދި ކާސާ ހޯލްޑިންގްސް ހިއްސާވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ގައި ހިމެނޭ އެސްޓީއޯގެ ހިއްސާ އެ ކުންފުނިން ވަނީ މިއަހަރުގެ ތެރޭގައި ދޫކޮށްލައިފައެވެ.
އައްޑޫ އެއާޕޯޓުގައި އޮންނަނީ 3.4 ކިލޯ މީޓަރުގެ ރަންވޭއެކެވެ. އެ އެއާޕޯޓުގެ ރަންވޭއަކީ ބޮއިންގް 777 ގެ ބޯޓު ފަހަރާއި އޭ380 މަރުކާގެ ބޯޓުފަހަރުވެސް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ރަންވޭއެކެވެ.
އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ފެންވަރު ރަނގަޅުކޮށް ހަދާފައިވާ ރެސްޓޯރެންޓާއި ޑިޔުޓީ ފްރީ ފިހާރަތައްވެސް އެބަހުއްޓެވެ. ނަމަވެސް ފްލައިޓުތައް ނުބާއްވާތީ އެތަންތަނުގެ ބޭނުމެއް ނުކުރެވެއެވެ.
މީގެ ކުރިން އައްޑޫ އަށް ސައުތު އެފްރިކަން އެއާލައިންސް އަދި ސްރީލަންކަން އިންވެސް ދަތުރުތައް ކުރިއެވެ.