14 Sep 2020, 11:08
ރާއްޖޭން ބޭރުން ލިބޭ ފައިސާ، ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދިނުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުއްޓާލި ސަބަބާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ ޓިމް ސޯޔާ ވާހަކަ ދައްކަވައިފި އެވެ.
އިއްޔެ ހަވީރު ބައެއް މީޑިއާ ތަކާއެކު ޒޫމް މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓިމް ވިދާޅުވީ "ވިސާ ޑައިރެކްޓް" 'މާސްޓަކާޑް ސެންޑް" ފަދަ ޕްލެޓްފޯމް މެދުވެރިކޮށް ލިބޭ ފައިސާ ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދިނުން ބޭންކުން ހުއްޓާލައި އެ ފަދަ ފައިސާ ހަމައެކަނި ރުފިޔާ އެކައުންޓަށް ޖަމާކުރުމަށް ނިންމީ ގިނަ ކަންތައްތަކަށް ބެލުމަށްފަހުގައި ކަމަށެވެ.
"ބައެއް ކަސްޓަމަރުން [ގާތްގަނޑަކަށް 350 އަށް ވުރެ މަދު] ބޭރުން ލިބޭ ފައިސާ ނުވަތަ އޮންލައިން ޓްރޭޑިން ޕްލެޓްފޯމްތަކުންނާއި ޑިޖިޓަލް ވޮލެޓްތަކުން ނަގަން ބޭނުންވާ ފައިސާ ޑޮލަރު އެކައުންޓްތަކަށް ބޭންކުން މީގެ ކުރިން އައި ޖަމާކޮށްދެމުން. މީގެ ތެރެއިން ގިނަ ފަރާތްތަކުން ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޓްރޭޑް ވޮލެޓްތަކަށް 15.42 ރުފިޔާގެ ރޭޓުގައި ޑޮަލަރު ޓޮޕްއަޕްކޮށް އަދި ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ޑޮލަރު އެކައުންޓްތަކަށް ފައިސާ ގެނޭ. މި ގޮތަށް ޑޮލަރު ލިބުމާއެކު މިފަރާތްތަކުން އެކައުންޓްގައި ހުރި ޑޮލަރު އޭޓީއެމް މެދުވެރިކޮށް ނަގައި އެހެން މާކެޓްތަކަށް ޑޮލަރު ވިއްކާ. މި ގޮތަށް އަމަލުކުރުމުގެ ސަބަބުން ކާޑު އެސޯސިއޭޝަންތަކަށް ބޭންކުން ޑޮލަރުން ފައިސާ ދައްކާއިރު ކަސްޓަމަރުން ކާޑަށް ފައިސާ މިދައްކަނީ ރުފިޔާއިން ކަމަށްވާއިރު މި ދެންނެވި ގޮތަށް އަމަލުކުރުމުގެ ސަބަބުން ބޭންކުން ބޭރަށް ދާ ޑޮލަރު މިވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ." ޓިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ގޮތަށް އެތައް ހާސް ޑޮލަރެއް ބޭރަށް ދިޔުމުގެ ސަބަބުން ބީއެމްއެލްގައި ހުރި ޑޮލަރު މިންވަރު ދަށްވެ، ޓީޓީ ފަދަ މުހިންމު ބޭނުންތަކަށް ޑޮލަރު ދިނުމުގައި ދަތިތަކާ ކުރިމަތިވެ އެވެ. އެހެން ކަމުން މިފިޔަވަޅަކީ ބޭންކުން ބޭރަށް ދާ ޑޮލަރުގެ އަދަދު ހިފަހައްޓައި، އަދި މުހިންމު ބޭނުންތަކަށް ޑޮލަރު ބެހެއްޓުމުގެ ގޮތުން އެޅި ފިޔަވަޅެއްވެސް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހި ރާއްޖޭގެ ފަތުރުވެރިކަން މަޑުޖެހި، ފަތުރުވެރިކަމުން ލިބޭ އާމްދަނީ މިވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ރާއްޖެއަށް އެތެރެވާ ޑޮލަރުގެ 80 ޕަސެންޓް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށްވާތީ، ރާއްޖެއަށް އެތެރެވާ ޑޮލަރުގެ އަދަދު މިވަނީ އިންތިހާއަށް ދަށްވެފަ އެވެ.