ރިޔާޒް (ސެޕްޓެމްބަރު 14): އުމުރާގެ ދަތުރުތަކަށް ކޮންމެވެސް ވަރެއްގެ ފުރުސަތު ތަކެއް ދިނުމުގެ ޕްލޭނެއް ތައްޔާރު ކުރަމުން ގެންދާކަމަށް ސައޫދީ އަރަބިޔާއިން ބުނެފި އެވެ.

ސައޫދީ މަސްއޫލުވެރިއަކާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސްއެޖެންސީ ބުނާގޮތުން ސައޫދީގައި ފެތުރެމުންދާ ކޮވިޑް-19 ގެ ހާލަތަށް ބަލައިގެން އުމުރާގެ ދަތުރުތަކަށް ހުއްދަ ދިނުމާބެހޭ މަޝްވަރާތަކެއް ހައްޖާއި އުމުރާގެ ކަންތައްތަކާބެހޭ ވުޒާރާއިން ގެންދަނީ ސައޫދީ ސިއްހަތާބެހޭ ވުޒާރާއާ އަދި އާންމު ސިއްހަތާބެހޭ އިދާރާތަކާ އެކު ކުރަމުންނެވެ. މި މަޝްވަރާތަކުގެ ބޭނުމަކީ ދޭތެރެ ދުރުކުރެވޭ ފަދަ ގޮތަކަށް އުމުރާގެ ދަތުރުތަށް މަޑުމަޑުން އަލުން ފެށުމާބެހޭ ޕްލޭނެއް އެކުލަވާލުމެވެ.

މިގޮތުން ކޮވިޑް-19 އާއެކު ދުނިޔެ ތަހައްމަލު ކުރަމުން ގެންދާ ނިއުނޯމަލްގެ އިޖުރާއާތްތަކުގެ ތެރެއިން އުމުރާގެ ދަތުރު ތަކަށް ފުރުސަތު ދެވޭނެ މިންވަރާ އަދި ގޮތްތަކާބެހޭގޮތުންނާ އަދި އުމުރާގެ އަޅުކަމަށް އަންނަ މީހުން ހަރަމްފުޅުގެ ތެރޭގައާއި ހަރަމްފުޅުން ބޭރުގައި ތަބާވާންޖެހޭ ގޮތްތަކާއި މުއާމަލާތް ކުރަންޖެހޭ އުސޫލުތަކާއި ސިއްހީ އަދި އިޖްތިމާއީ މިންގަޑުތަށް ހިފަހައްޓާނެ ގޮތުގެ ގަވައިދުތައް އެކުލަވާލުން މިމަޝްވަރާގެ ތެރޭގައި ހިމެނޭކަމަށް ސައޫދީ ނޫސްއެޖެންސީ ބުނެއެވެ. ނަމަވެސް އުމުރާގެ ދަތުރުތަށް އަލުން ފަށާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ސައޫދީ ސަރުކާރުންވަނީ އުމުރާގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ. ހައްޖުގެ އަޅުކަންވެސް ކުރިޔަށް ގެންގޮސްފައިވަނީ ސައޫދީ ރައްޔިތުންގެ މަދުބަޔަކާ އަދި އެގައުމުގައި ދިރިއުޅޭ އެހެންގައުމުތަކުގެ މަދުއަދަދެއްގެ މީހުންނަށް ފުރުސަތު ދީގެން ގައިދުރުކަމާ އަދި ސިއްޙީ ރައްކާތެރި ކަމުގެ ހަރުކަށި ފިޔަވަޅުތަކާއެކުގައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ސައޫދީގައިވެސް ވަރަށް ބޮޑަށް ފެތުރިފައިވާތީ އެގައުމުންވަނީ އެއްގަމާއި ކަނޑާ އަދި ވައިގެ ދަތުރުތައް ހުއްޓުވައި ބޯޑަރުތައް ބަންދުކޮށްފައެވެ. ނަމަވެސް ނިއުނޯމަލްގެ އުސޫލުގެ ދަށުން ޝެޑިއުލް ނޫން ވައިގެ ދަތުރުތަކާއި އެއްގަމާއި ކަނޑުގެ ބައެއް ދަތުރުތައް ކުރުމުގެ ހުއްދަ ސައޫދީން ދެމުން ގެންދެއެވެ.

މީގެއިތުރުން ނިއުނޯމަލްގެ ދަށުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވައިގެ ޝެޑިއުލް ބައެއް ދަތުރުތަކާއި އެއްގަމާއި ކަނޑުގެ މަގުން ކުރާ ޝެޑިއުލް ދަތުރުތައްވެސް ކޮންމެވެސް ވަރަކަށް ފެށުމަށް ސައޫދީ ސަރުކާރުންވަނީ ނިންމާފައެވެ. ނަމަވެސް މިދަތުރުތައް ޚާއްސަކޮށްފައިވަނީ ސައޫދީ ރައްޔިތުން ބޭރުގައުމުތަކަށް ދިޔުމަށާ އަދި ބޭރުގައުމުތަކުގައި ދިރިއުޅޭ ސައޫދީ ރައްޔިތުން އެނބުރި ގައުމަށް އައުންފަދަ ކަންކަމަށެވެ.

މީގެއިތުރުން ސައޫދީގައި މަސައްކަތްކުރާ ބޭރުމީހުން އެމީހުންގެ ގައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތު މި ޝެޑިއުލް ދަތުރުތަކުން ދިނުމަށްވެސް ސައޫދީ ސަރުކާރުން ވަނީ ނިންމާފައެވެ.

ސައޫދީ ވައިގެ ޝެޑިއުލް ދަތުރުތައް ފުރިހަމައަށް ފެށުމަށާ ބޯޑަރުތައް އެއްކޮށް ހުޅުވާލުމަށް އެގައުމުން ނިންމާފައިވަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ސައޫދީގައި 3 ލައްކަ 25 ހާހަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އެ ރޯގާގައި އެގައުމުން 4 ހާހަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. -- ސައޫދީ ނޫސްތައް/ސައޫދީ ރަސްމީ ނޫސް އެޖެންސީ