15 Jan 2012, 11:26
ދަތުރުވެރިންނާއި ފަޅުވެރިންނާއެކު ޖުމްލަ 4234 މީހުންނާއެކު އިޓަލީން ފުރި ބިޔަ ކްރޫޒްލައިނާއެއް ކަމަށްވާ "ކޮސްޓާ ކޮންކޯޑިއާ" އެ ގައުމުގެ އައްސޭރި ފަށަށް ބަންޑުން ޖަހާލައި ތިން މީހުން މަރުވެ 40 މީހުން ގެއްލިއްޖެ އެވެ.
ކޮސްޓާ ކޮންކޯޑިޔާ އިޓަލީގެ ގިގިލިއޯ ނަމަކަށް ކިޔާ ރަށުގެ ކައިރިން ހިލަގަނޑަކަށް އުރި، ބަންޑުން ޖަހައިލީ ބުރާސްފަތިދުވަހުގެ ރޭ، ހަތް ދުވަހުގެ ދަތުރެއްގައި އިޓަލީން ފުރިތާ ދެ ގަޑިއެއްހާއިރު ފަހުން ކަމަށް އިޓަލީގެ އޮފިޝަލުންނާ ހަވާލާދީ އިނގިރޭސިވިލާތުގެ ޑެއިލީމެއިލް އިން ބުންޏެވެ.
ހިލަގަނޑަކަށް އުރި ބަނޑުފިލާ ފޫގޮސް، އެއްފަރާތަށް ދިޔަވުމުގެ ސަބަބުން ބަންޑުން ޖަހާލި ކޮސްޓާ ކޮންކޯޑިއާގެ ވަށައިގެން އިޓަލީގެ ޑައިވަރުން ފީނަމުން ދާއިރު އެ ބޯޓްގެ ކެޕްޓަން ހުރީ ތަހުގީގަށް ހައްޔަރުކޮށްފަ އެވެ. އަދި ގެއްލުނު 40 މީހުންނާއި މަރުވި މީހުން ނޫން އެހެން މީހުން އިޓަލީގެ ކޯސްޓްގާޑުން މިހާރުވަނީ ސަލާމަތްކޮށްފަ އެވެ.
ސަލާމަތްވި ބައެއް މީހުން ބުނެފައިވާ ގޮތުގައި ބޯޓްގެ އެއްފަރާތަށް ދިޔަވެ، އަރިއަޅަމުން ދިޔަ ވަގުތު ވެސް ބޯޓްގެ ބައެއް ފަޅުވެރިން، ދަތުރުވެރިންނަށް އަންގަމުން ދިޔައީ އެނބުރި އެމީހުންގެ ކެބިންތަކަށް ދިއުމަށް ކަމަށެވެ.
އެފަދަ ވާހަކަތައް ސަލާމަތްވި ދަތުވެރިންގެ ފަރާތުން އިވެމުންދާއިރު މިހާރު ކުރަމުން އަންނަ ތަހުގީގުގައި ކަނޑުމަތީގެ ހާދިސާތައް ތަހުގީގުކުރާ އިޓަލީގެ ފުލުހުންގާތު ކެޕްޓަން ފްރާސްސެކްސޯ ޝެޓިނޯ ބުނިކަމަށް ނޫސްތަކުގައި ވަނީ "ދަތުރުކުރަމުން ދިޔައީ އެކަށީގެންވާ ފުން ހިސާބަކުން" ކަމަށެވެ.
ބާރު ސްޕީޑްގައި ގޮސް ހިލަގަނޑަށް އުރި ބޯޓްގެ ބަނޑުފިލައިން 160 ފޫޓްގެ ބާގަނޑެއް ހެދނު ވަގުތު ގިނަ ދަތުރުވެރިން ދިޔައީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ކަމަށާއި އެވަގުތު ބޯޓުން ކަރަންޓް ދިއުމަށް ފަހު އަލުން އައި ކަމަށް ބައެއް ދަތުރުވެރިން ބުނެއެވެ.
"އަލިތައް ނިވުމަށް ފަހު އަލުން ދިއްލުނު، ދެން އެކަކު އަނެއްކަކަށް ބޮނޑިވެގަނެގެން މަސަކަތްކުރަމުން ދިޔައީ ލައިފް ވެސްޓެއް އަތުޖެހޭތޯ،" ކޮސްޓާއިން ދަތުކުރި އިޓަލީގެ ދަތުރުވެރިއެއްކަމަށްވާ އެންތޯނިއެއްތާ ސިމްބޯލީ ބުންޏެވެ.
އެހެން ދަތުރުވެރިއަކު ބުނެފައި ވަނީ ބޯޓު އުރުނު ވަގުތު ފަޅުވެރިން ތިބީ ހަތަރު އުދަރަސް ފެނުޖެހި ވާނުވާގައި ކަމަށާއޮ އެވަގުތު މަންޒަރު އޮތީ މަޝްހުރު ޓައިޓޭނިކް ހާދިސާގެ މަންޒަރެއް ސިފަވެފައި ކަމަށް ބައެއް ދަތުރުވެރިން ބުންޏެވެ.
އިޓަލީގައި ބަނދެ 2006 ވަނަ އަހަރު ބޭލި ކޮސްޓާ ކޮންކޯޑިއާގެ ދިގުމިނުގައި 952 ފޫޓް ހުންނަ އިރު އޭގައި 1500 ކޮޓަރި ހުރެއެވެ. އެ ބޯޓްގައިވާ 20،000 ފޫޓްގެ ވެލްނަސް އޭރިއަކީ ކަނޑު އުޅަނދެއްގައި ހިމެނޭ އެފަދަ އެންމެ ބޮޑެތި އޭރިއާތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.