ލަންޑަން (ސެޕްޓެމްބަރު 14): އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އަސްޓްރާޒެނެކާ ކުންފުނިން އުފައްދާ ކޮރޯނާވައިރަސް ވެކްސިންގެ ތަހުލީލުތައް މިދިޔަ ހަފްތާގައި މަޑުޖައްސާލުމަށް ފަހު އަނެއްކާ ވެސް ފަށާނެކަން އިއުލާންކޮށްފި އެވެ.

އޮކްސްފޯޑާއި އަސްޓްރާޒެނެކާގެ ވެކްސިން ޓެސްޓުތައް މަޑުޖައްސާލީ ވެކްސިންގެ އެންމެ ފަހު ޓެސްޓު މަރުހަލާ ކަމަށްވާ ތިން ވަނަ ފިޔަވަހީގެ ތަހުލީލުތައް ކުރިއަށްގެންދަނިކޮށެވެ. އެގޮތުން އެތައް ހާސް މީހުން ބައިވެރިކޮށްގެން ދިގު މުއްދަތަކަށް ކުރިއަށްގެންދާ އެ ޓެސްޓުތައް އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ، އިންޑިއާ، ބްރެޒިލް އަދި ދެކުނު އެފްރިކާގައި ވެސް ދިޔައީ ކުރިއަށްގެންދަމުންނެވެ.

ނަމަވެސް އެ ހުރިހާ ގައުމެއްގައި ވެސް ޓެސްޓުތައް މަޑުޖައްސާލަން ޖެހުނީ އިނގިރޭސިވިލާތުން ޓެސްޓުތަކުގައި ބައިވެރިވި މީހަކު ގޮތް ނޭނގޭ ގޮތަކަށް ބަލި ވުމުންނެވެ.

އަސްޓްރާޒެނެކާ އިން ބުނި ގޮތުގައި އެފަދަ ބޮޑެތި ތަހުލީލުތައް ކުރިއަށްގެންދާ އިރު ވެކްސިނާ ގުޅުމެއް ނެތް ސަބަބަކާ ހެދި މީހުން ބަލިވުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އެފަދަ ކޮންމެ މައްސަލައެއް މިނިވަންކޮށް ބަލަން ޖެހޭނެ އެވެ.

އޭގެ ފަހުން އޮކްސްފޯޑުން ނެރުނު ބަޔާނެއްގައިވާ ގޮތުން މިނިވަން ކޮމިޓީއަކުން މިހާރު ވަނީ އެ މީހާ ބަލިވި މައްސަލަ ބެލުމަށް ފަހު، ވެކްސިން ޓެސްޓުތައް އަލުން ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފަ އެވެ. ނަމަވެސް ޓެސްޓުތައް އަލުން ފަށާނެ ތާރީހެއް އެ ޔުނިވާސިޓީން ހާމަ ނުކުރެ އެވެ. އަދި ޓެސްޓުތައް ފުރަތަމަ ފަށާނީ ޔޫކޭގައި ކަމަށާއި އެހެން ގައުމުތަކުގައި މަޑުޖައްސާލި ޓެސްޓުތައް އަލުން ކުރިއަށްގެންދިޔުމާ ބެހޭ ގޮތުން އެގައުމުތަކާ މަޝްވަރާ ކުރަމުންދާ ކަމަށް އަސްޓްރާޒެނެކާއިން ބުންޏެވެ.

އޮކްސްފޯޑުން ބުނި ގޮތުގައި އެ ވެކްސިންގެ ޓެސްޓުތަކުގެ ތެރެއިން، ދުނިޔޭގެ އެކި ގައުމުތަކުން މިހާތަނަށް 18،000 މީހަކަށް ވަނީ އެ ވެކްސިން ދީފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނާ ގޮތުގައި ކޮރޯނާވައިރަހުން ރައްކާތެރިވުމަށް މިހާތަނަށް 180 ވެކްސިނެއް ޓެސްޓު ކުރަމުންދާ އިރު އޭގެ ތެރެއިން އެއްވެސް ވެކްސިނެއްގެ ޓެސްޓުތައް އަދި ނިމިފައި ނުވެ އެވެ. އަދި އެފަދަ ޓެސްޓުތައް ފުރިހަމަ ކުރަން ދިގު މުއްދަތެއް ނަގާތީ، އެޖަމްއިއްޔާގެ ގައިޑްލައިންތަކުގެ މަތިން ބޭނުން ކުރަން ހުއްދަ ދެވޭނެ ފަދަ ވެކްސިނެއް މިއަހަރު ތެރޭ ޓެސްޓުކޮށް ނިމުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.

ޑަބްލިޔުއެޗްއޯއިން އެފަދައިން ބުނި ނަމަވެސް ޗައިނާ އާއި ރަޝިއާ އިން ވަނީ އެ ދެ ގައުމުން އުފައްދާ، މިހާރުވެސް ޓެސްޓު ކުރަމުންދާ ވެކްސިންތަކެއް ދެ ގައުމުގެ ބައެއް ރައްޔިތުންނަށް ދޭން ފަށައިފަ އެވެ.