ކޮވިޑް-19 މުއްދަތުގައި ބީއެމްއެލް އިން އެކި ދާއިރާތަކަށް ޖުމްލަ 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ މިހެން ވިދާޅުވެފައި ވަނީ މިއަދު ހަވީރު ބައެއް މީޑީއާތަކާ އެކު ޒޫމް މެދުވެރުކޮށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ކޮވިޑްގެ މުއްދަތުގައި ބޭންކުން ރައްޖޭގެ އިގްތިސާދަށް އެހީތެރިކަންފޯރުކޮށްދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޓިމް ވިދާޅުވީ ކޮވިޑާ ގުޅިގެން ސަރުކާރުން ފަށާފައިވާ ރިކަވަރީ ޕްލޭންގެ ދަށުން 10 މިލިއަން ރުފިޔާގެ ޓާންއޯވާގެ ރިސޯޓް އަދި ގެސްޓްހައުސް ވިޔަފާރިތަކަށް އެހީވުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ކުރިއަށް ގެންދާ ރިކަވަރީ ސު ކީމް ފަންޑް ހިންގުމުގައި ބޭންކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

އަދި މިދިޔަ މަހުގެ ނިޔަލަށް 397 ލޯނަކަށް 769 މިލިއަން ރުފިޔާގެ ލޯނު ވަނީ އެޕްރޫވްކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮވިޑް-19 ބަލިމަޑުކަން ކައިރި މުސްތަގުބަލެއްގައި ނިމިގެންދާނެ ކަމަށް ނުބެލެވޭ ކަމަށާއި އެ ހާލަތުގައި ކުރިއަށް ދާނީ ކަސްޓަމަރުންނަށް އެހީތެރިވެވޭނެ ގޮތްތަކާއި ހިދުމަތް ނުކެނޑި ގެންދެވޭނެ އެންމެހައި ގޮތްތައް ބަލަމުން ކަމަށެވެ.

އަދި ކޮންމެފަދަ ހާލަތެއްގައި ވެސް ބޭންކް އޮފް މޯލްޑިވްސް ދެމި އޮންނާނީ ދިވެހި ރައްޔިތުންނަށް އެހީތެރިވުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.