ފުލުހުންގެ ހުއްދައާއެކު އިންޑިޔާއަށް ބޭހަށް ދިޔަ ނުރައްކާތެރި ކުށްވެރިޔާ، މއ. ނައިޓްވިލާ، އިބްރާހިމް އަބްދުﷲ (ގައްބަރޭ) މާލެ އައިސް ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ގައްބަރޭ ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ 2:45 ކަންހާއިރު ހެންވޭރު ގެއެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް އެއީ ކޮންގެއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ތަފާތު އެކި ފަހަރު މަތިން ތޫނު އެއްޗެހިން މީހުނަށް ހަމަލާދީ މާރާމާރީ ހިންގުމުގެ ދައުވާތައް އުފުލާފައިވާ ގައްބަރޭ، މިދިޔަ އަހަރުގެ އޭޕްރީލް 25 ގައި އިންޑިއާއަށް ބޭހަށް ދިޔައީ، އޭނާގެ ބޮލުގައި މީހަކު ކަތިވަޅިއަކުން ޖަހައި ވަރަށް ބޮޑަށް ޒަޚަމްކޮށްލުމުންނެވެ.

ގައްބަރޭ އެނބުރި މާލެ އައީ ގާތްގަނޑަކަށް ހަތް މަސް ފަހުންނެވެ. އޭގެ ކުރިން އޭނާ އިންޑިޔާގައި ހުއްޓާ އޯވާސްޓޭވެގެން ޓްރިވެންޑްރަމްގެ ޖަލަށް ވެސް ލިއެވެ.

އެންމެ ފަހުން ގައްބަރޭ ހައްޔަރުކޮށްފައި ވަނީ ގަލޮޅު އަލިކިލެގެފާނު މަގާއި މަޖީދީ މަގު ގުޅުނު ޓްރެފިކް ލައިޓް ކައިރިން ހަމަލާދީ މަރާލި ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރުގެ މަރުގެ މައްސަލައާ ގުޅިގެން މާލެތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ މީހެއް ކަމަށް ތުހުމަތުކޮށް މިދިޔަ އަހަރު އެވެ.

ގައްބަރޭ އަކީ 2007 ވަނަ އަހަރު ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހ. ކުބުރާ އަލީ އިޝާރު މަރާލުމުގައި ބައިވެރިވިކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފް ވެފައިވާ މީހެކެވެ. އެއިރު އޭނާގެ އުމުރަކީ 16 އަހަރެވެ. އެ މައްސަލައިގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ ކުޑަކުދިންގެ ކޯޓުގައި އުފުލައިފަ އެވެ. ނަމަވެސް ހެކި ނެތުމުގެ ސަބަބުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް 2010 ވަނަ އަހަރު ކުޑަކުދިންގެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.