ބޮލީވުޑުގައި މިވަގުތު އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރު ޓައިގާ ޝްރޮފް އޭނާގެ ފުރަތަމަ ލަވައިގެ ޓީޒާ އާންމުންކޮށްފި އެވެ.

ޓައިގާގެ އަޑުން ކިޔާފައިވާ އެ ލަވައިގެ ޓީޒާއެއް ހިއްސާކުރިއިރު އެ ޓީޒާކޮޅަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. "އަންބިލީވަބަލް"ގެ ނަމުން ނަންދީފައިވާ އެ ލަވައިގެ ޕޯސްޓަރުތަކެއް ވެސް ވަނީ މީގެކުރިން ރިލީޒްކޮށްފަ އެވެ. ލަވައިގެ ޓީޒާ އާންމުކުރުމާއެކު ޓިޒާއަށް ގިނަ ތަރިންނެއް ވަނީ ކޮމެންޓް ވެސް ކޮށްފަ އެވެ.

ޓައިގާ ވަނީ ފިލްމުތަކުގެ އެކި އިންޓަވިއުތަކުގައި އޭނާގެ ލަވަކިޔުމުގެ ހުނަރު ދައްކާލާފަ އެވެ. ލަވަކިޔުމަށް ނުހަނު ޝައުގު ހުންނަ ޓައިގާ ބުނީ އޭނާ ކުޅޭ ފިލްމުތަކަށް އޭނާގެ އަޑުން ލަވަކިޔަން ވަރަށް ބޭނުންވާ ކަމަށެވެ. ޕުނީތު މަލްހޯތުރާގެ ޑައިރެކްޝަނުގެ ދަށުން މި ލަވަ ކޮރިއޮގްރާފުކޮށްދިނީ ޕަރޭޝް އެވެ. ބިގް ބޭންގް މިއުޒިކުން ޕްރޮޑިއުސްކުރާ ލަވަ އަވަސްމުސްތަގްބަލެއްގައި އާންމުންނަށް ދޫކޮށްލާނެކަމަށް ޓައިގާ ބުންޏެވެ.