ރާއްޖޭގައި ކޮވިޑް19 ފެތުރޭ މިންވަރު ދަށްވާން ފަށާފައިވާ ކަމަށާއި މިހާރު R0 (އާރު-ނޯޓް) ވެލިއު ހުރީ 1.3ގައި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އާރު ވެލިއު އަކީ ބަލި ހުންނަ މީހެއްގެ ފަރާތުން، ބަލީގެ އިމިއުނިޓީ ނެތް މީހުންނަށް އެވްރެޖްކޮށް ބަލި ފެތުރޭ ރޭޓެވެ.

އެޗްއީއޯސީގައި ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު އާރު ވެލިއު ހުރީ އެކަކަށް ވުރެ ކުޑަ ތަންކޮޅެއް މަތީގައި ކަމަށެވެ.

"އެކަކަށް ވުރެ ކުޑަ ތަންކޮޅެއް މަތީގައި މި ވޭރީ ވަމުން މި ދަނީ. 1.3 އެހާކަށްހާ ވަރުގަ ވީކްލީކޮށް ބަލާއިރު އާރް ވެލިއު މި އުޅެނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އާރު ވެލިއު ދަށްވަމުން އައި ނަމަވެސް، އަދިވެސް އެކަކަށް ވުރެ މަތީގައި އެ ވެލިއު ހުރުމުގެ މާނައަކީ ބަލި އަދިވެސް ފެތުރުން ކަމަށް ޑރ. ވިދާޅުވި އެވެ.

"އެހެން ނަމަވެސް ވެލިއު ވީކްލީކޮށް ބަލަންޏާ ކޮންމެސް ވަރަކަށް ދަށްވަމުން އެބަ އާދޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖެއިން ދުވާލެއްގެ މައްޗަށް ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މަތީގައި ހުންނަތާ ގިނަ ދުވަސްތަކަކަށް ފަހު މިދިޔަ ހަފްތާ ނަންބަރުތައް ވަނީ ތިރިވާން ފަށައިފަ އެވެ.

ކޮވިޑް19 އާ ދެކޮޅަށް ފާއިތުވި ހަ މަސް ދުވަހު ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތާއި، ރައްޔިތުންގެ ކިޔަމަންތެރިކަމާ އެކު މިހާރު ކުޑަ ނަމަވެސް ކުރިއެރުމެއް ލިބިފައިވާ ކަމަށާއި އެހެންކަމުން ލިބުނު ކުރިއެރުން ގެއްލިގެންދާނެ ފަދަ ކަމެއް ނުކުރުމަށް ވެސް ޑރ. ނަޒްލާ ރޭ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ރާއްޖޭގައި ބަލި ފެތުރޭ މިންވަރު އިންތިހާއަށް މައްޗަށް ދިއުމާ ގުޅިގެން، ކަމާބެހޭ ފަރާތްތަކުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅައިފަ އެވެ. އެގޮތުން މާލެ ސަރަހައްދުގައި ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށް، ވަކި ގަޑިތަކެއްގައި ވެހިކަލް ދުއްވުން މަނާކޮށް، ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ނޫޅުމަށް ވަނީ އަންގައިފައެވެ.

އަދި ފިޔަވަޅުތައް ތަންފީޒުކޮށް، ހިލާފުވާ މީހުންނަށް ނަސޭހަތްދީ އަންނަނީ ޖޫރިމަނާކުރަމުންނެވެ.