13 Sep 2020, 13:52
ހއ. އަތޮޅުގައި ހިންގާ ޖޭއޭ މަނަފަރު ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ކުރުމުން އެމީހުންގެ އާއިލާތަކަށާއި ނިސްބަތްވާ ރަށްތަކަށް ބޮޑު ނިކަމެތިކަމެއް ލިބިފައިވާ ކަމަށް އެ މައްސަލައިގައި އެމީހުން ތަމްސީލުކުރާ ލޯ ފާމް ކަމަށްވާ ޝުނާނާ އެންޑް ކޯއިން ބުނެފި އެވެ.
މަނަފަރު ރިސޯޓުން 68 މުވައްޒަފަކު ވަކިކުރި ސަބަބެއް ކަމަށް އެ ރިސޯޓުން ބުނެފައިވަނީ ރިޑަންޑެންސީ ހާލަތެއް މެދުވެރިވެގެން ކަމަށެވެ. އެމީހުންގެ ތެރެއިން 28 މީހުންނަކީ ހއ. ހޯރަފުށްޓަށް ނިސްބަތްވާ މީހުންނެވެ.
އެ މައްސަލައާ ގުޅޭގޮތުން ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ "ސަން"އަށް ވިދާޅުވީ އެހާ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުން މުޅި ރަށް އެކަމާ ހިތާމަކުރަމުންދާ ކަމަށެވެ.
ހޯރަފުށީ ރައްޔިތުން ވަނީ ވަޒީފާ ގެއްލުނު މީހުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި، މިދިޔަ ހުކުރު ދުވަހު އެ ރަށުގައި ހިނގާލުމެއް ވެސް ބާއްވާފަ އެވެ. އަދި އެއީ އާއިލާތައް ބިކަވާނެ ކަމެއް ކަމަށާއި ކޮވިޑް19 ފަދަ ބޮޑު ޕެންޑެމިކްއަކާ ކުރިމަތިލައިގެން އުޅޭ މިފަދަ ދުވަސްވަރެއްގައި އެގޮތަށް އަމަލު ނުކުރުމަށް ހިނގާލުމުގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.
"ސުލްހަވެރިކަމާއެކު އާދޭސް ދަންނަވާފައި ވަނީ، އެމީހުންނަށް ހައްގު ހޯދައިދީ، އިންސާފު ހޯދައިދިނުމަށް. މުޅި ރަށުގެ އެންމެން ކަހަލަ ގޮތަކަށް އެތިބީ ރޮއެރޮއެ، މުޅި ރަށަށް އަސަރުކޮށްފައި ވަނީ." ޝުނާނާ ވިދާޅުވި އެވެ.
ޝުނާނާ ވިދާޅުވީ ކޯޓުން ބޭރުން ސުލްހަވެރިކަމާއެކު އެ މައްސަލައަށް ހައްލެއް ލިބޭތޯ މަޝްވަރާ ބައްދަލުވުމެއް ބާއްވަން ޖޭއޭ މަނަފަރު ރިސޯޓުގެ މެނޭޖްމަންޓަށް އެދިފައިވާނެ ކަމަށެވެ.
"ޝައުރީ މަރުހަލާއިން ބޭރުން މައްސަލަ ހައްލު ކުރުމަށްޓަކައި ރިސޯޓުގެ މެނޭޖްމަންޓަށް ރިކުއެސްޓެއް ފޮނުވާފައި ވާނީ. އެބޭފުޅުން ވިދާޅުވި ބައްދަލުކުރާނެ ވާހަކަ... މައްސަލަ ހައްލު ނުކުރެވިއްޖެނަމަ ޓްރައިބިއުނަލްއަށް ހުށަހަޅާނީ." ޝުނާނާ ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ އެމީހުންގެ ނިސްބަތްވާ ރަށެއްގެ އާބާދީގެ ބޮޑު ބަޔަކަށް ނުވަތަ މުޅި ރަށަށް ވެސް ލިބޭ ގެއްލުމެއް ކަން ފާހަގަކުރައްވައި ޝުނާނާ ވިދާޅުވީ އެއީ ދައުލަތުން ވެސް އެ މައްސަލައަށް ހައްލެއް ހޯދައިދޭން ޖެހޭ ފަދަ ހާލަތެއް ކަމަށެވެ.
"ޓޫރިޒަމްގެ އެއް ބޭނުމަކީ [ކައިރީގައި އޮންނަ] ރަށްތައް ވެސް ތަރައްގީކުރުން އަދި ރާއްޖެއަށް ފައިދާ ކުރަނިވި ގޮތަކަށް [ޓޫރިޒަމް ހިންގުން]. ދެން މުޅި ރަށެއްގެ އާބާދީގެ ބޮޑު ބަޔަކަށް ގެއްލުންވާ ގޮތަށް، ވަޒީފާ ގެއްލުމަކީ މުޅި ރަށަށް ވާ ގެއްލުމެއް. މިހާރު މި ހާލަތުގައި ދައުލަތުން ވެސް އިންޓަވީން ކޮށްފައި މި މީހުންނަށް ހައްލެއް ހޯދައިދެވޭތޯ މަސައްކަތް ކޮށްދޭން ޖެހޭ އެބަ." ޝުނާނާ ވިދާޅުވި އެވެ.