13 Sep 2020, 13:55
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް، މަރާމާތު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ މަސައްކަތުގެ 18 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ވޯޑް ބިލްޑިންގް ގެ ފުރަތަމަ ފަންގިފިލާގެ ލިިފްޓު ފާރު ކާސްޓުކޮށް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
އޭގެ އިތުރުން ފުރަތަމަ ފަންގިފިލާގެ ސިޑިގޮޅި މަރާމާތު ކުރުމުގެ 50 ޕަސެންޓް މަސައްކަތްވެސް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ދެވަނަ ފަންގިފިލާގެ ސްލެބު އެޅުމަށް ތައްޔާރުވުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު އެވެ. މަޝްރޫއާއާ އެކު ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށް ކޭއާރުއެޗުން ބުންޏެވެ.
ހޮސްޕިޓަލް އިމާރާތް ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 30 އެނދުގެ ވޯޑް އިމާރާތެއް އެޅުމާއި އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، މައި އިމާރާތާއި އޮފީސް އިމާރާތް ވޯކްވޭ އަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ މަރާމާތް ކުރުމަށް ކުރަން ޖެހޭ މަސައްކަތް ހިމެނެ އެވެ.
މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.