15 Jan 2012, 09:51
ލ. ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓަށް އިންޒާރުދިން މީހަކު ހިމާޔަތްކުރަން ފުލުހުން މަސައްކަތް ކުރަމުންގެންދާކަމަށް ހިތަދޫ ކޯޓުން ބުނެފި އެވެ.
ހިތަދޫ ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކޯޓުގެ މެޖިސްޓްރޭޓް އަލީ ރަޝީދަށް މިދިޔަ ބުރާސްފަތި ދުވަހު އިންޒާރުދީފައިވަނީ ލ.ހިތަދޫ، އަފްޒާ، އިދުރީސް ހުސެއިން، 40 ކަމަށާއި އޭނާ މެޖިސްޓްރޭޓަށް އިންޒާރު ދިނުމުން އޭނާ ވަގުތުން ހައްޔަރުކޮށް އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ މައްޗަށް އެ ކޯޓުން އަމުރެއް ނެރެފައިވާ ކަމަށެވެ.
އޮފީޝަލް ވިދާޅުވީ އޭނާ ހައްޔަރުކޮށް އެ މައްސަލަ ތަހުގީގުކުރަން ފުލުހުންގެ މައްޗަށް ނެރުނު އަމުރު އިސްތިއުނާފް ކުރުމަށް ފުލުހުން އެ ރަށުގެ ދެ ކޯޓަކަށް ހުށަހެޅި ކަމަށެވެ.
އެ އަމުރު އިސްތިއުނާފްކުރުމަށް ފުރަތަމަ ފުލުހުން ހުށަހެޅީ ގަމު، ތުނޑީ ކޯޓަށް ކަމަށާއި، އެ ކޯޓަށް އެ މައްސަލަ ހުށަހެޅުމުން ދަށު ކޯޓަކުން ނިންމާ ނިންމުމެއް އިސްތިއުނާފްކުރުމުގެ ބާރުދަށު ކޯޓަކަށް ލިބިގެން ނުވާކަމަށް ބުނެ އެ މައްސަލަ ކޯޓުން ބޭރުކޮށްލި ކަމަށެވެ. އަދި ވިދާޅުވީ ތުނޑީ ކޯޓުން އެ މައްސަލަ ބަލައިނުގަތުމުން އަމުރު ބާތިލު ކުރަން ގަމުގެ މަތިމަރަދޫ ކޯޓަށް ވެސް ފުލުހުން ހުށަހެޅި ކަމަށާއި އެ ކޯޓުން ވެސް އެ މައްސަލަ ބޭރުކޮށްލި ކަމަށެވެ.
ގާނޫނު އަސާސީ ބުނާގޮތުން ދަށު ކޯޓަކުން ނެރޭ އަމުރެއް ބާތިލްކުރުމުގެ ބާރު ލިބިގެންވަނީ ހައިކޯޓާއި ސުޕްރީމް ކޯޓަށެވެ.
އިދުރީސް މެޖިސްޓްރޭޓަށް އިންޒާރު ދިނީ އޭނާގެ ބައްޕަގެ ތަރިކައިގެ މައްސަލައެއްގައި އެ ކޯޓުން ކުރި ހުކުމަކާއި ގުޅިގެންކަމަށް ވެސް ހިތަދޫ ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
ހިތަދޫ ކޯޓުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އިދުރީސް ކޯޓް ކައިރިއަށް ގޮސް މެޖިސްޓްރޭޓާ ދިމާއަށް "އަތާ ފައި ބިންދާލާނަމޭ" ބުނެ އިންޒާރު ދިންކަމަށެވެ. އަދި ބުނީ އޭނާ އަކީ މިދިޔަ އަހަރުވެސް ދެފަހަރެއްގެމަތިން "ފާޑުފާޑަށް ޝަރީއަތް ކުރަންޏާ ވާގޮތް ދައްކާލާނެ" ކަމަށްބުނެ މެޖިސްޓްރޭޓަށް އިންޒާރު ދިން މީހެއް ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މެޖިސްޓްރޭޓަށް އިންޒާރުދިން މައްސަލަ ތަހުގީގުކުރަމުންދާތީ އެކަމާއި ބެހޭ ތަފްސީލެއް ދެވެން ނެތްކަމަށެވެ.