13 Sep 2020, 12:05
ކޮވިޑް19 އާ ދެކޮޅަށް ފާއިތުވި ހަ މަސް ދުވަހު ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތާއި، ރައްޔިތުންގެ ކިޔަމަންތެރިކަމާއެކު މިހާރު ކުޑަ ނަމަވެސް ކުރިއެރުމެއް ލިބިފައިވާ ކަމަށާއި، އެހެންކަމުން ލިބުނު ކުރިއެރުން ގެއްލިގެންދާނެ ފަދަ ކަމެއް ނުކުރުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިލްތިމާސްކޮށްފި އެވެ.
ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހަ މަސް ދުވަހުގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައި ވަނީ ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި އެފަރާތްތަކުން ބަލި ކޮންޓްރޯލް ކުރުމަށް ދޭ އިރުޝާދުތަކާ އެއްގޮތަށް ރައްޔިތުން އަމަލުކުރަމުން އަންނާތީ ކަމަށެވެ.
ރާއްޖެއިން ދުވާލެއްގެ މައްޗަށް ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މަތީގައި ހުންނަތާ ގިނަ ދުވަސްތަކަކަށްފަހު މިދިޔަ ހަފްތާ ނަންބަރުތައް ވަނީ ތިރިވާން ފަށައިފައެވެ.
ޑރ. ނަޒްލާ ރޭ ވިދާޅުވީ މިދިޔަ އޯގަސްޓް މަހު ފުރަބަންދު ކަރަންޓީނަށް މާލެއިން 2705 މީހަކު އެކި ރަށްރަށަށް ގޮސްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 121 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ.

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ އެޗްއީއޯސީ
"އެހެން ނަމަވެސް އެ ރަށްރަށުގައި އިތުރަށް އެމީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ނުފެތުރި އެހިސާބުން ބަލި ކޮންޓްރޯލް ވެގެން ދިޔައީ ކަރަންޓީނަށް ވަޑައިގެންނެވި ފަރާތްތަކުން ކަރަންޓީން ގައިޑްލައިންތަކާ އެއްގޮތަށް ގޭގަ ތިއްބެވީމަ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެހެން ނަމަވެސް މަދުން ނަމަވެސް، ފުރަބަންދު ކަރަންޓީނުގައި ތިބޭ މީހުން އުސޫލުތަކާ ހިލާފުވާ މައްސަލަތައް ދިމާވަމުން އަންނަ ކަން ޑރ. ފާހަގަކުރެއްވިއެވެ.
އެގޮތުން ނ. މަނަދޫގައި ފުރަބަންދު ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެގެން ނަތީޖާ ދޭން ބެލި އިރު، އޭނާ ހުރީ ގެއިން ބޭރުގައި ކަމަށް އެޗްޕީއޭ އިން މީގެކުރިން ވަނީ ބުނެފަ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިގޮތަށް އުސޫލުތަކާ ހިލާފުވާ ފަރާތްތަކުގެ ސަބަބުން، މުޅި ރަށް ނުރައްކަލަށް ހުށަހެޅިގެން ދާކަން ވިސްނަން ޖެހޭ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކުރުމަށް އިލްތިމާސް ކުރެއްވި އެވެ.
"އެހެން ނޫނީ ލިބިފަ އޮތް ކުޑަކުޑަ ކުރިއެރުން ވެސް އަޅުގަނުޫމެންނަށް ގެއްލިގެން ހިނގައިދާނެ. ފާއިތުވި ހަ މަސް ދުވަހު މި ކުރި ބުރަ މަސައްކަތް، އަދި ރައްޔިތުން ވެސް ތަހައްމަލު ކުރަން ޖެހުނު އުނދަގޫތައް، އޭގެ އެއްވެސް ބޭނުމެއް ނެތި ބޭކާރު ވެގެން ހިނގައިދާނެ. އެހެންވީމަ މި ކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރަން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް، ޖުމްލަ 9،052 މީހަކަށް ކޮވިޑް ޖެހުނު އިރު، އެކްޓިވް ކޭސްގެ ގޮތުގައި 1،966 މީހަކު މިހާރުވެސް ރާއްޖޭގައި އެބަތިއްބެވެ. އޭގެ ތެރެއިން 142 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާދެމުންނެވެ.
ބަލީގައި ރާއްޖެއިން މިހާތަނަށް 32 މީހަކު ވަނީ މަރުވެފަ އެވެ.