ވޮޝިންޓަން (ސެޕްޓެމްބަރު 12) : ވިލާތުގެ އިއްތިޙާދުން އިނގިރޭސި ދައުލަތް އިގްތިސާދީ ގޮތުން ހިސާރުކޮށް ޔުނައިޓެޑް ކިންގްޑަމްގެ އިއްތިޙާދީ ދައުލަތް ބައިބައިކޮށްލުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

ލަންޑަންގައި ނުކުން ނޫހެއްކަމަށްވާ "ޑެއިލީ ޓެލެގްރާފް" ގައި ލިޔުއްވި މަޒްމޫނެއްގައި ޖޯންސަން ވިދާޅުވީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވިފަހުން އެއިއްތިޙާދުންވަނީ އިނގިރޭސި ދައުލަތުގައި އިނގިރޭސި ދައުލަތުގައި ހިމެނޭ ނޮދަން އައަލޭންޑާ އިނގިރޭސިވލާތާ ޖައްސުވައި ޔުނައިޓެޑް ކިންގްޑަމްގެ ގޮތުގައި އޮންނަ އިނގިރޭސި އިއްތިޙާދީ ދައުލަތް ރޫޅާލުމަށް ޓަކައި އެތެރޭގައި ފިތުނަ އުފެއްދުމުގެ މަސައްކަތް ފަށާފައެވެ.

މީގެއިތުރުން އިނގިރޭސިވިލާތާއި ނޮދަން އައިލެންޑާ ދެމެދު ކާބޯތަކެތީގެ ހިސާރެއް އުފެއްދުމަށްވެސް ޔޫރަޕްގެ އިއްތިޙާދުން މަސައްކަތް ކުރަމުން ގެންދާކަމަށް ޖޯންސަން ތުހުމަތު ކުރެއްވިއެވެ. އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިކުރުމުގެ އިސް މޭސްތިރިޔާ ކަމަށް ސިފަކުރެވޭ ބޮރިސް ޖޯންސަން މިމޭރުމުން އެއިއްތިޙާދާ ދެކޮޅަށް މަޒުމޫނެއް ލިޔުއްވާފައި މިވަނީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށްފަހު (ބްރެކްސިޓްއަށްފަހު) ދެފަރާތުގެ ދެމެދުގައި ހައްލުކުރަންޖެހޭ މައްސަލަތަކާބެހޭގޮތުން ދެފަރާތުގެ ދެމެދުގައި ދެކެވޭ ވާހަކަތައް ކޮޅެއްގައި ނުޖެހި ދިގުލައިގެންދިޔުމާ ގުޅިގެންނެވެ.

ވާހަކަތައް ދިގުލައިގެންދިޔައީ ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތާ މެދު ގެންގުޅޭ ހަރުކަށި ކަމުގެ ސަބަބުންކަމަށް ޖޯންސަން ތުހުމަތު ކުރެއްވިއެވެ. އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވާން ނިންމީ އެގައުމުގެ ޒަމާންވީ ދެވާދަވެރިން ކަމަށްވާ ޖަރުމަނާއި ފަރަންސޭސިވިލާތުގެ ބާރާއި ނުފޫޒުގެ އެއިއްތިޙާދުގައި ގަދަވުމުގެ ސަބަބުންކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެދެގައުމަށްވުރެ އިގްތިސާދީ ގޮތުން އިނގިރޭސިވިލާތް ބަލިކަށިވަމުން ދިޔުމަކީވެސް އިނގިރޭސީންގެ ބާރު ޔޫރަޕްގެ އިއްތިޙާދުގައި ކުޑަވެގެންދާ ކަމެކެވެ. އިނގިރޭސިވިލާތަކީ ކުރިން ދާދި ފަހަކާ ޖެހެންދެން ދުނިޔޭގެ 4 ވަނަ އިގްތިސާދު ކަމަށްވިޔަސް މިހާރު އެގައުމުވަނީ ދުނިޔޭގެ 8 ވަނަ އިގްތިސާދަށް ވެއްޓިފައެވެ.

50 އަހަރަށް ދެމިގެންދިޔަ ޔޫރަޕާއި އިނގިރޭސިވިލާތުގެ ގުޅުންތަކަކީ ބްރެކްސިޓަށްފަހުވެސް ފަސޭހައިން ދުރުނުވެވޭފަދަ ލާމެހިފައިވާ އިގްތިސާދީ ގުޅުންތަކެކެވެ. ބްރެކްސިޓަށްފަހު ދެފަރާތުން ދޭންޖެހޭ ބަދަލުތަކުގެ އަގު އެތަށް ބިލިޔަން ޔޫރޯ އަށް އަރާއިރު މިބަދަލު ދޭނެގޮތްތަކާ މެދުވެސް ދެފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައެއްނުވެއެވެ.

ބްރެކްސިޓަށްފަހު އިނގިރޭސި ދައުލަތާއި ޔުރަޕްގެ އިއްތިޙާދާ ދެމެދު އެންމެ ބޮޑަށް މައްސަލަ ޖެހިފައިވާ އެއްކަމަކީ ސަރަހައްދީ ރޮނގު ހުރަސްކޮށް ދެފަރާތުގެ ދެމެދުގައި ބަދަލުކުރާ މުދަލުން ޑިއުޓީ ނަގާ މައްސަލައިގައެވެ. ޔޫރަޕްގެ އިއްތިޙާދާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ސަރަހައްދީ ރޮނގު ހުރަސްކުރަނީ އިނގިރޭސި އިއްތިޙާދީ ދައުލަތުގެ ބައެއް ކަމަށްވާ ނޮދަން އަޔަލޭންޑްގެ ތެރެއިންނެވެ.

ބްރެކްސިޓަށްފަހު އިނގިރޭސިވިލާތަށްވަނީ ދުނިޔޭގެ އެހެން ގައުމުތަކާ އިގްތިސާދީ ގުޅުންތައް އަވަސްގޮތަކަށް ބަދަހި ކުރަންޖެހިފައިވީ ނަމަވެސް ކޮވިޑް-19 އާއެކު ދުނިޔެއަށް އައި އިގްތިސާދީ ހީނަރުކަމާ ގުޅިގެން މިކަން ކުރިޔަށް ގެންދިޔުމުގައި އިނގިރޭސިވިލާތަށްވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. އަދި ކޮވިޑްއާއެކު އެހެން ގައުމުތަކެކޭ އެއްގޮތަށް އިނގިރޭސިވިލާތުގެ އިގްތިސާދުވެސްވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. (ނޫސްއެޖެންސީތައް)