މިއަދު ރާއްޖެއިން ކޮވިޑް-19 އަށް 62 މީހުން ޕޮޒިޓިވްވެ، ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު 9،052 އަށް އަރައިފިއެވެ.

މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު، މަދު އަދަދެކެވެ. އެގޮތުން އިއްޔެ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 90 މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 44 ދިވެހީންނާއި 18 ބިދޭސީންނެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 51 މީހުންނާއި އެކި އަތޮޅުތަކުން ޕޮޒިޓިވްވި 11 މީހުންނެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 209 އެވެ. އެއާއެކު ބަލީން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 7،055 އަށް އަރާފައެވެ.

ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 1،960 އެވެ. އޭގެ ތެރެއިން 116 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކުރެވިފައިވަނީ 908 މީހުންނެވެ.

މިހާތަނަށް އެޗްޕީއޭ އިން ކޮވިޑަށް 129،055 އަށްވުރެ ގިނަ ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.

މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ، 31 އެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އެ ވައިރަސް މިހާތަނަށް ވަނީ 28 ރަށަކުންނާއި 26 ރެޒޯޓަކުން ފެނިފައި ކަމަށެވެ.