15 Jan 2012, 09:13
އިސްލާމް އާބާދު (ޖަނަވަރީ 15): ޕާކިސްތާނުގެ ސިފައިންގެ ލަޝްކަރުތަކާއި އެޤައުމުގެ ސަރުކާރާ ދެމެދު ގުޅުންތައް ގޯސްވެފައިވާކަމުގެ ޚަބަރުތައް ފެތުރިފައިވަނިކޮށް ސިފައިންގެ ވެރިޔާ ޖެނެރަލް އަޝްފާޤް ޕަރުވޭޒް ކިޔާނީ އާ ރައީސް ޢާސިފް ޢަލި ޒަރުދާރީ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމާބެހޭގޮތުން ޒަރުދާރީގެ ތަރްޖަމާނަކު ވިދާޅުވީ ދެބޭފުޅުން މަޝްވަރާކުރެއްވީ ޕާކިސްތާނުގެ އަމްނާބެހޭގޮތުން ކަމުގައެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ. ޕާކިސްތާނުގެ މީޑިޔާ ބުނާގޮތުން ދެބޭފުޅުން ބައްދަލުކުރެއްވުމުގެ ބޭނުމަކީ ޕާކިސްތާނުގެ ބާރުގަދަ ސިފައިންގެ މުއައްސަސާއާއި އެޤައުމުގެ ސަރުކާރާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ނިމުމަކަށް ގެނެވޭތޯ ބެލުމެވެ.
ޒަރުދާރީ ކުއްލި ގޮތަކަށް ޤައުމުން ބޭރަށް ވަޑަިއގަތުމަށްފަހު އެނބުރި ޤައުމަށް ވަޑައިގަތީ މިދިޔަ ހުކުރު ދުވަހުއެވެ. ޒަރުދާރީގެ އިތުރުން ސިފައިންގެ ވެރިޔާ ޖެނެރަލް އަޝްފާޤް ކިޔާނީ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީއާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޕާކިސްތާން ސިފައިންނާއި ސަރުކާރާ ދެމެދު ނުތަނަވަސްކަން އުފެދިފައިވަނީ ސަރުކާރު ވައްޓާލައި ޢަސްކަރީ އިންޤިލާބެއް ގެންނަން ސިފައިންގެ މުއައްސަސާއިން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް މިކަމަށް ހުރަސްއަޅައިދިނުމަށްއެދި ޒަރުދާރީގެ ސަރުކާރުން އެމެރިކާއަށް ފޮނުވާފައިވާ ސިޓީއެއް ބޭޒާރުވުމާގުޅިގެން ސިފައިންގެ އިސްވެރިން ކޯފާވެވަޑައިގަތުމުންނެވެ.
މީގެއިތުރުން ޒަރުދާރީގެ ސަރުކާރުން ކުރަމުންގެންދާ ތަސައްރަފް ނުފުދޭ ބާވަތުގެ އެތަށް ކަމަކާގުޅިގެން ޤައުމުގައި ހިނގަމުންދާ ދާޚިލީ ތަޅާފޮޅުންތަކާއި ލޭއޮހޮރުވުންތަކުގެ ސަބަބުންވެސް ސިފައިންގެ އިސްވެރިންވަނީ ސަރުކާރުގެ ސިޔާސަތާމެދު ހިތްހަމަނުޖެހިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ޚަބަރުލިބޭގޮތުން ސިފައިންގެ މުއައްސަސާ މައިތިރިކުރުމަށް ޕާކިސްތާން ސަރުކާރުން އެމެރިކާގެ ކިބައިން އެދިފައިވަނީ ފާއިތުވި 2011 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައެވެ.
1999 ވަނައަހަރު އޭރުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފްގެ ސަރުކާރާއި ޕާކިސްތާނުގެ ސިފައިންނާ ދެމެދު އުފެދުނުފަދަ ނުތަނަވަސްކަމެއް މިދެފަރާތުގެ ދެމެދުގައި މިހާރު އުފެދިފައިވާކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. ނަވާޒް ޝަރީފުގެ ދުވަސްވަރު ސިފައިންނާއި ސަރުކާރާ ދެމެދު އުފެދުނު ނުތަނަވަސްކަމާގުޅިގެން އޭރު ޕާކިސްތާން ސިފައިންގެ ވެރިއަކަށް ހުންނެވި ޖެނެރަލް ޕަރުވޭޒް މުޝައްރަފްވަނީ ޢަސްކަރީ އިންޤިލާބެއް ގެންނަވައި ނަވާޒް ޝަރީފުގެ ވެރިކަން ވައްޓާލެއްވުމަށްފަހު ޝަރީފް ޖަލަށްލާފައެވެ.
ޒަރުދާރީއަށް ދާދިފަހުން ކުރިމަތިވި ހިތްޕުޅުގެ އާލާސްކަންފުޅާ ގުޅިގެން އޭނާ ޕާކިސްތާނުގެ ހޮސްޕިޓަލަކުން ފަރުވާނުހޯއްދެވީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެތީ ކަމަށް މިދިޔަ ޑިސެމްބަރމަހު ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ ވިދާޅުވެފައިވެއެވެ. ނަމަވެސް ޒަރުދާރީގެ ފުރާނައަށް ނުރައްކާ އޮތީ ސިފައިންގެ ފަރާތުންކަން ގީލާނީ ހާމައެއް ނުކުރައްވައެވެ. – ރޮއިޓާސް، އަލްޖަޒީރާ