ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސާޖިދު ޚާން ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ އިންޑިއާގެ މޮޑެލް، އެކްޓަރު ޕައުލާ އޭނާއާ ދެކޮޅަށް އަޑުއުފުލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ޕައުލާ ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ ސާޖިދުގެ ފަރާތުން އޭނާގެ އުމުރުން 17 އަހަރުގައި ޖިންސީ ގޯނާކުރުންތަކާ ކުރިމަތިލާންޖެހުނުކަމަށެވެ. ސާޖިދުގެ "ހައުސްފުލް"ގެ އޮޑިޝަނަށް ދިޔައިރު ސާޖިދު ޖިންސީގޮތުން ހަޑިހުުތުރު ވާހަކަތަކެއް ދެއްކިކަމަށާއި އޭނާ ކުރިމަތީ ހެދުން ބާލަންވެސް ބުނިކަމަށެވެ. ހަމައެއާއެކު ހަށިގަނޑުގެ އެކި ތަންތަނުގައި އަތްލަން މަސައްކަތްކުރިކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޕައުލާގެ ޕޯސްޓާއެކު ގިނަ މީހުންނެއް އަންނަނީ ސާޖިދާ ދިމާއަށް އެއްޗެހި ކިޔަމުންނެވެ. އަދި އޭނާ ހައްޔަރުކުރުމަށް ގޮވާލަމުންނެވެ. މީގެ ކުރިންވެސް މޮޑަލުންތަކެއް ވަނީ ސާޖިދަށް އެފަދަ ތުހުމަތުތަކެއް ކޮށްފަ އެވެ. މީގެ ކުރިން ބަތަލާ ބިޕާޝާ ބާސޫ ވެސް ވަނީ ސާޖިދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭނާގެ އަމިއްލަ ތަޖުރިބާ މީޑިއާތަކާ ހިއްސާކޮށްފަ އެވެ.