12 Sep 2020, 18:07
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ހިލާފަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ފެށި ސައިކަލި ބުރު ރޫޅާލައި 41 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފަށް އެއްވުމާ ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ކޯލިޝަންގެ ލީޑާޝިޕްގެ އެއްވެސް ބޭފުޅެއް ހިމެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންނަމަވެސް ޕީޕީއެމްގެ ކައުންސިލު ބައެއް މެމްބަރުންނާއި އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
މަޖީދީމަގު މާފަންނުުކޮޅުން ފެށި އެ ސައިކަލު ބުރަކީ ޒުވާނުންގެ ސައިކަލު ބުރުގެ ނަމުގައި ރޭވި ހަރަކާތެކެވެ. އެ ހަރާކާތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުންވެސް ބައިވެރިވި މަންޒަރު ފެނެއެވެ. އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަީމް އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ސުޖާއުގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމްވެސް ވަނީ ސައިކަލު ބުރުގައި ބައިވެރިވެލައްވައިފައެވެ.
އެ ހަރަކާތަކީ އިދިކޮޅުން ރާވާ އިންތިޒާމުކުރި ހަރަކާތެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވެލައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
ސައިކަލު ބުރު ކުރިއަށް ގެންދިޔުން ހުއްޓުމާއެކު އެ ސައިކަލު ބުރުގެ ބަދަލުގައި ހިނގާލުމެއް ކުރިއަށް ގެންދިޔުމަށް އެ ފަރާތްތަކުން ވަނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެ ހިނގާލުން ހުއްޓުވާފައެވެ.