ބަސަރާ (ޖަނަވަރީ 15) : ޢިރާޤުގެ ބަސާރާގައި އަމިއްލައަށް މަރުވެގެން މީހަކުދިން ޙަމަލާއެއްގައި 30 މީހުން މަރުވެ 90 އަށްވުރެ ގިނަމީހުން ޒަޚަމްވެއްޖެވެ. ޢިރާޤުގެ ފުލުހުން ބުނިގޮތުގައި ޖާނުގޮއްވާލައިގެން މިޓެރަރިސްޓް ޙަމަލާދިނީ އިމާމް ޙުސައިންގެފާނުގެ ސާޅީސް ފާހަގަކުރުމަށްޓަކައި، ބަސަރާގެ އުތުރުގައި ޢަލީގެފާނަށް ބިސްބަތްވާ "ޚުތްވަތު ޢަލީ" މިސްކިތަކަށް ދިޔުމަށް ތައްޔާރުވެތިބި ޝިޔަޢީންނަށް އަމާޒުކޮށެވެ.

ޖާނުގޮއްވާލި މީހާހުރީ އެއްވެފައިވާ ޝިޔަޢީންގެ މެދުގައި ފުލުހުންގެ ހެދުމެއްގައި ކަމަށާއި މަރުވި މީހުންގެ ތެރޭގައި 11 ފުލުހަކުވެސް ހިމެނޭކަމަށް ޢިރާޤު ފުލުހުން ބުނެއެވެ. މަންޒަރުދުށްމީހުން ބުނިގޮތުގައި ޖާނުގޮއްވާލި މީހާ ހުރީ އެއްވެފައިވާ ޝިޔަޢީންނަށް ކާބޯތަކެތި ބަހާމީހަކަށް ހެދިގެން ކާބޯތަކެތި ބެހުމަށެވެ.

މިޖަނަވަރީ މަހުގެ 5 ވަނަ ދުވަހުވެސް އިމާމް ޙުސައިންގެފާނުގެ ސާޅީސް ފާހަގަކުރުމަށްޓަކައި ކަރުބަލާގައި އެއްވެތިބި މީހުންނަށް އަމާޒުކޮށް ޖާނުގޮއްވާލައިގެން މީހަކު ދިން ހަމަލާއެއްގައި ޝިޔަޢީންގެ 70 މީހުން މަރުވެ 100 އަށްވުރެ ގިނަމީހުން ޒަޚަމްވެފައިވެއެވެ.

އެމެރިކާ ސިފައިން ޢިރާޤަށް އަރައިގަތުމާ ގުޅިގެން އެޤައުމުގައި އުފެދިގައިވާ ޓެރަރިޒަމްގެ ޢަމަލުތަކުގެ އެންމެބޮޑު އެއްއަމާޒަކީ ޢިރާޤުގެ ޝިޔަޢީންކަމަށް ސަރުކާރުން ބުނެއެވެ. ޝިޔަޢީންގެ މުޤައްދަސް ރައްތައް ކަމަށްވާ ކަރްބަލާއާއި ނަޖަފް ފަދަ ރައްތަކުގައި ޝިޔަޢީން ބާއްވާ ދީނީ އިޙްތިފާލްތަކަށް އަމާޒުކޮށް ދީފައިވާ ޖާނުގޮއްވާލުމުގެ ޓެރަރިސްޓް ޙަމަލާތަކުގައި އެތަށް ހާސްބަޔަކު މަރާލާފައިވެއެވެ.

ޝިޔަޢީންނަށް އަމާޒުކޮށްދޭ މިފަދަ ޓެރަރިސްޓް ޙަމަލާތަކަކީ އަލްޤާއިދާފަދަ ހަތިޔާރުއެޅި ހަރުކަށި ޖަމާއަތްތަކުން ދޭ ޙަމަލާތަކެއް ކަމަށް ޢިރާޤު ފުލުހުން ތުހުމަތު ކުރެއެވެ. – އަލްޖަޒީރާ، ރޮއިޓާސް