12 Sep 2020, 10:15
ވޮޝިންޓަން (ސެޕްޓެމްބަރު 12) : އަރަބި އެންމެ ކުޑަ ގައުމު ކަމަށްވާ ބަހްރައިންއިން އަރަބި އިސްލާމީ އިޖްމާޢުން ބޭރުވެ އިސްރާއީލާ ގުޅުންތައް ގާއިމުކުރަން ނިންމިކަން އެމެރިކާގެ ރައީސް ޑޮންލްޑް ޓްރަމްޕް އިއްޔެވަނީ އިއުލާން ކުރައްވާފައެވެ.
ވައިޓްހައުސް ހުންނަވައިގެން މިކަން އިއުލާން ކުރައްވަމުން ޓްރަމްޕް ވަނީ މިއީ މެދުއިރުމަތީގެ ސުލްހައަށް އޭނާގެ ސަރުކާރުން އެޅި މުހިއްމު ފިޔަވަޅެއްކަމަށް ސިފަކުރައްވާފައެވެ. މީގެކުރިން ގަލްފުގެ ކުޑަ އެހެން ގައުމެއްކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އިންވެސްވަނީ އަރަބި އިސްލާމީ އިޖްމާޢުން ބޭރުވެ އަރަބިންނާއި މުސްލިމުންގެ ދުޝްމަންކަމަށްވާ އިސްރާއީލާ ގުޅުންތައް ގާއިމް ކުރުމަށް ނިންމާފައެވެ. އެކަންވެސް އިއުލާނުކުރެއްވީ ޓްރަމްޕެވެ.
ޓްރަމްޕްގެ ބޭނުމަކީ ކުރިޔަށްއޮތް އިންތިޚާބުގައި ޒަޔަނިސްޓް ޔަހޫދީންގެ ތާއީދު ހޯދުން
މިއީ ހުރިހާ ކަމެއްގައިވެސް އެމެރިކާއަށް ބަރޯސާވާ ގަލްފުގެ ގައުމުތަކުގެ ޝާހީ އާއިލާތަކުން އެއާއިލާތަކުގެ ޢާއިލީ ވެރިކަމުގެ ނިޒާމުތައް ދެމެހެއްޓުމަށްޓަކައި އެމެރިކާގެ ރުހުން ހޯދުމަށް ކުރަމުން ގެންދާކަމެއްކަމަށް ވަނީ ބެލެވިފައެވެ. މިކަމަށް ޓްރަމްޕް ބާރުއަޅުއްވައި އެގައުމުތަކަށް ފިއްތުންތައް ކުރިމަތިކުރައްވަނީ ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ބާރުގަދަ ޒަޔަނިސްޓް ޔަހޫދީ ލޮބީ ޖަމާއަތްތަކުގެ ތާއީދު ކަށަވަރު ކުރުމުގެ ގޮތުންކަމަށް މުހައްލިލުން ވިދާޅުވެއެވެ. ޓްރަމްޕްވަނީ ސައޫދީ އަރަބިޔާވެސް އަރަބި އިސްލާމީ އިޖްމާޢުން ބޭރުވެ އިސްރާއީލާ ގުޅުންތައް ގާއިމް ކުރާނެކަމަށް ވިދާޅުވެ އެކަމަށްޓަކައި ސައޫދީ އާ ގުޅައިގެން އެމެރިކާ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާކަމަށް ވިދާޅުވެފައެވެ.
މެދުއިރުމަތީގައި ހިނގާ އެއްވެސް ހަނގުރާމައެއް ހުއްޓުވުމުގައި ޓްރަމްޕްވަނީ ނާކާމިޔާބު ވެފައި
ބަހްރައިން އާއި ޔޫއޭއީން އިސްރާއީލާ ގުޅުންތައް ގާއިމް ކުރުމަކީ ޓްރަމްޕްގެ ސަރުކާރުން ސުލްޙައަށް ޓަކައި އެޅި މުހިއްމު ފިޔަވަޅެއްކަމަށް ޓްރަމްޕް ސިފަކުރެއްވިއިރު ޔަމަންގެ ހަނގުރާމައާއި ސޫރިޔާގެ ހަނގުރާމައާއި ލީބިޔާގެ ހަނގުރާމަފަދަ އެއްވެސް ހަނގުރާމައެއް ހުއްޓުވައި އެގައުމުތަކުގައި ސުލްޙަ ގާއިމް ކުރުމުގައި ޓްރަމްޕްގެ ސަރުކާރަށް ކުރެވުނު އެއްވެސް ކަމެއްނެތެވެ. އަނެއްކޮޅުން މެދުއިރުމަތީގެ އަސްލު މައްސަލަ ކަމަށްވާ ފަލަސްތީނުގެ މައްސަލަ ހައްލުކުރުމުގައިވެސް ޓްރަމްޕްގެ ސަރުކާރުވަނީ މުޅިން ފޭލްވެފައެވެ.
ގަލްފުގެ ޑިކްޓޭޓަރުންނަކީ ކުރިންވެސް އިސްރާއީލާ ސިއްރު ގުޅުންތަކެއް ބާއްވާ ބައެއް
ޔޫއޭއީ އާއި ބަހްރައިން އަކީ ވަރަށް ކުރީއްސުރެ ފެށިގެން ސިއްރިޔާތުގައި އިސްރާއީލާ ގުޅުންތައް ބާއްވަމުން ގެންދާ ދެގައުމެވެ. ސައޫދީވެސް މިފަހަކަށް އައިސް ސިއްރިޔާތުގައި އިސްރާއީލާ ގުޅުންތައް ބާއްވަމުން ގެންދާކަމަށްވެއެވެ. އެހެންކަމުން އިސްރާއީލާ މާބޮޑު ދުޝްމަންކަމެއްނެތް އަދި އިސްރާއީލާ ހަނގުރާމައިގެ ހާލަތުގައި ނެތް ބަހްރައިންއާއި ޔޫއޭއީ ން އެގައުމުތަކުގެ އާއިލީ ޚުދުމުޚްތާރު ވެރިކަމުގެ ނިޒާމުތައް ދެމެހެއްޓުމަށްޓަކައި އެމެރިކާ މެދުވެރިއަކަށް ވެގެން އިސްރާއީލާ ގުޅުންތައް އުފެއްދުމަކީ މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރުމުގެ ކިހާވަރެއްގެ މުހިއްމު ފިޔަވަޅެއްތޯ ވަނީ ސުވާލު އުފެދިފައެވެ.
މިގައުމުތަކުން އިސްރާއީލާ ގުޅުންތައް އުފެއްދިނަމަވެސް މެދުއިރުމަތީގައި ހިނގާ އެއްވެސް ހަމަނުޖެހުމަކަށް ހައްލެއް ނާންނާނެއެވެ. ޔަމަންގެ ހަނގުރާމައާއި ސޫރިޔާގެ ހަނގުރާމައާއި ލީބިޔާގެ ހަނގުރާމަފަދަ އެއްވެސް ހަނގުރާމައެއް ނިމުމަކަށް ނާންނާނެއެވެ.
ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފައްސާލުމަށްޓަކައި ފަލަސްތީނުގެ ރައްޔިތުން އިސްރާއީލާ ދެކޮޅަށްކުރާ ޖިހާދުގެ ހަރަކާތްތަށްވެސް ނިމުމަކަށް ނާންނާނެއެވެ. އޭގެ ބަދަލުގައި ފަލަސްތީނުގެ ހައްގުތައް މިކަމުގެ ސަބަބުން އިތުރަށް ގެއްލިދާނެކަމުގެ ބިރުވަނީ ހީވެފައެވެ. އެހެންކަމުން މި ގާއިމް ކުރީ ސުލްހަތޯ އެމެރިކާގެ އިދިކޮޅު ޑިމކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެން ގެ ސަޕޯޓަރުންނާއި ކޭންޕޭން ކުރާ ފަރާތްތަކުންވަނީ ސުވާލު އުފައްދާފައެވެ.
އަރަބި ޑިކްޓޭޓާރުން އިސްރާއީލާ ގުޅުން އުފައްދަނީ އެމީހުންގެ ޚުދުމުޚްތާރު ޢާއިލީ ވެރިކަމުގެ ނިޒާމުތައް ދެމެހެއްޓުމަށް
މީގެއެތަށް އަހަރެއްކުރިން އިސްރާއީލުން މިސްރާ އަދި އުރުދުން އާވެސް ނަމެއްގައި ގުޅުންތައް އުފެއްދިއެވެ. އެގުޅުންތައް އުފެއްދިތާ ތިރީހަކަށް އަހަރުވެފައިވާއިރުވެސް އެގައުމުތަކުގެ ރައްޔިތުންނާ އިސްރާއީލާ ދެމެދު އެއްވެސް ގުޅުމެއް ނޯވެއެވެ. އެންމެ ކުޑަވެގެން މިސްރުގެ ގާހިރާއާއި އުރުދުންގެ ވެރިރަށް އަންމާންގައި ހުންނަވާ އިސްރާއީލުގެ ސަފީރު މަގުތަކަށް އެކަނި ނުކުންނަވައި ހިނގާލަންވެސް ޖެހިލުންވެ ވަޑައިގަންނަވައެވެ. އިސްރާއީލާއި އެމެރިކާއަށް ގުޅުންތައް އުފެއްދޭކަމަށްވަނީ އަރަބި ރައްޔިތުންނާ ނޫންކަމާއި އަރަބި ގައުމުތަކުގައި އެމެރިކާއަށް ބަރޯސާވެގެން ޚުދުމުޚްތާރު ވެރިކަމުގެ ނިޒާމުތަށް ހިންގާ ޑިކްޓޭޓަރުންނާ ކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ.
އަރަބި ގައުމުތަކަށް ޑިމޮކްރަސީ އައިސް ރައްޔިތުން ބާރުވެރިވެދާނެތީ އެމެރިކާއާއި އިސްރާއީލު ކަންބޮޑުވޭ
މިކަމަށްޓަކައި އަރަބި ގައުމުތަކަށް ޑިމޮކްރަސީ އައިސް ރައްޔިތުންގެ ވެރިކަމެއް ގާއިމްކޮށްފާނެތީ އެމެރިކާއާއި އިސްރާއީލު ވަރަށް ބޮޑަށް ޖެހިލުންވާކަމަށްވެއެވެ. އެއީ އަރަބި ރައްޔިތުންނަށް ބާރުލިބި އަރަބި ގައުމުތަކުގައި ޑިމޮކްރަސީގެ ވެރިކަމުގެ ނިޒާމުތަކެއް އުފެދިއްޖެނަމަ އެފަދަ ހާލަތެއްގައި އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް އަރަބި ގައުމުތައް ނުދާނެކަން އެމެރިކާއާއި އިސްރާއީލަށް ކަށަވަރުވާތީއެވެ. އަދި ފަލަސްތީނުގެ ހައްގުތައް ނުދީ އިސްރާއީލާ ގުޅުންތައް ބާއްވަން އަރަބި ރައްޔިތުން ގަބޫލުނުވާނެތީއެވެ.
ރައްޔިތުން ބާރުވެރިވެފައިވާ ޑިމޮކްރެޓިކް ސަރުކާރުތަކެއް އުފެދިއްޖެނަމަ އެސަރުކާރުތައް އިސްކަންދޭނީ ރައްޔިތުން ގެ އެދުންތަކާއި ބޭނުންތަކަށް ކަމަށް ވާތީއެވެ. ޑިމޮމްކެޓިކް ސަރުކާރުތައް ދަމަހައްޓާނީ އެމެރިކާގެ ބަދަލުގައި ރައްޔިތުންގެ ރިހުމާއި ތާއީދު ހޯދައގެން ހޯދާ ވޯޓުންކަމަށްވާތީއެވެ. މިސްރުގައި އުފެދުނު ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް އެމެރިކާއާއި އިސްރާއިލުން މިސްރު ސިފައިންނަށް ވާގިވެރިވީ މިސްރުގައި ޑިމޮކްރެޓިކް ވެރިކަމެއް އުފެދިދާނެތީއެވެ. އަރަބި ސްޕްރިންގް އާ ދެކޮޅަށް އިސްރާއީލު އަޑީގައި އޮވެގެން އެމެރިކާ އާއި ގަލްފުގެ ގައުމުތައް ތެދުވީވެސް މިހެންވެއެވެ.
ނަމަވެސް އެމެރިކާއާއި އިސްރާއީލަކީ ޑިމޮކްރަސީގެ ނަމުގައި އެންމެ ބޮޑަށް ވާހަކަ ދައްކައި ހަގީގަތް އޮޅުވާލުމުގެ ޕްރޮޕަގެންޑާ ފަތުރާ ދެގައުމެވެ. އެެމެރިކާއެކޭ އެއްގޮތަށް އިސްރާއިލުވެސްވަނީ ގަލްފުގެ ގައުމުތަކުގައި އާއިލީ ގޮތުން ވެރިކަންކުރާ ޑިކްޓޭރަރުން ނާ ގުޅުންތައް އުފެއްދޭތީ ވަރަށް އުފާވެފައެވެ. -- އަލްޖަޒީރާ/ނޫސްއެޖެންސީތައް