12 Sep 2020, 08:32
ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ނައުޓިލަސް މޯލްޑިވްސްގައި އެކަހެރިކޮށް އިނދެ މަސައްކަތްކުރެވޭ ގޮތަށް "ވޯކް ސްޓޭޝަން" ޕެކޭޖެއް ތައާރަފްކޮށްފި އެވެ.
އެ ޕެކޭޖްގެ ދަށުން މަސައްކަތްކުރަން އިންނަ މޭޒު އިންނަނީ މޫދާ ވަރަށް ކައިރީގަ އެވެ. އަދި މަސައްކަތް ކުރަން އިންނައިރު ބޭނުންވަރަކަށް "ރިފްރެޝްމަންޓްސް"ވެސް ލިބޭނެ އެވެ.

އެ ވޯކްސްޓޭޝަން ޕެކޭޖްތަކުގެ އަގުތަކަށް ބަލާލާއިރު ހަފްތާއަކަށް 23،250 އެމެރިކާ ޑޮލަރު ދައްކަން ޖެހެ އެވެ. އަދި ދެ ތިން ހަފްތާއަށް އެގޮތަށް މަސައްކަތްކުރާ ނަމަ 52،000 އެމެރިކާ ޑޮލަރުވަރު ދައްކަން ޖެހެ އެވެ.
ނައުޓިލަސް މޯލްޑިވްސްއާ ހަވާލާދީ ސީއެންއެން އިން ބުނީ އެ ވޯކްސްޓޭޝަން ޕެކޭޖްގެ ދަށުން މަަސައްކަތް ކުރާ ފަރާތްތަކަށް އެމީހުން ބޭނުންވާ ފަދަ ގޮތަށް ފުރިހަމަ "ޕްރައިވަސީ"ގައި އެ ރިސޯޓްގެ ޕްރައިވެޓް އައިލެންޑްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދޭނެ ކަމަށެެވެ. އަދި އޭގެ އިތުރުން ޔޯގާއާއި މެޑިޓޭޝަނާއި ލަގްޒަރީ ޔޮޓެއްގައި ޑޮލްފިން ކްރޫސްއަކަށް ދިއުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ފަތުރުވެރިންގެ މެދުގައި މަގުބޫލް ބާބެޑޮސް އަދި ބާމިއުޑާ ފަދަ ތަންތަނުން ވެސް މިހާރު ދަނީ ފަތުރުވެރިން ރިމޯޓްކޮށް މަސައްކަތް ކުރުމަށް ރިމޯޓް ވޯކް ވިސާ އަހަރަކަށް ދެމުންނެވެ.
އޭގެ އިތުރުން އެމެރިކާގެ ކެލިފޯނިއާގެ ހޮޓާތަކުން ވެސް މިހާރު ދަނީ ސްވިމިން ޕޫލްތަކުގެ ކުރިމަތީ ހަދާ ފައި ހުންނަ ޕޫލް ކަބާނާތަކުގައި އައުޓްޑޯ އޮފީސްތައް ހިންގުމުގެ ފުރުސަތު ދެމުންނެވެ. އެތަންތަނުން ދޭ ހިދުމަތްތަކުގެ ތެރޭގައި ވައިފައިއާ އެކު މެންދުރުގެ ކެއުން ވެސް އެ ޕެކޭޖްގެ ތެރޭގައި ހިމެނެ އެވެ.-- ސީއެންއެން