12 Sep 2020, 08:48
ޗައިނާގެ ޔޫކޭ ސަފީރު ލިއު ޝޯމިންގް އޮރިއާން ޓުވީޓުތަކަށް "ލައިކް" ދިން މައްސަލަތަކެއް ފެންމަތިވުމާ އެކު އެކަން ހިނގިގޮތް ބަލަން ޗައިނާގެ އެމްބަސީން ޓުވިޓާގައި އެދިއްޖެ އެވެ.
ސަފީރު އެ ލިންކުތަކަށް ލައިކް ދިން މައްސަލަ އެންމެ ފުރަތަމަ ސަމާލުކަމަށް ގެނައީ އިނގިރޭސިވިލާތުގެ ހިއުމަން ރައިޓްސް ގްރޫޕްގެ ބޭފުޅެކެވެ. އަދި އެކަން ބޮޑު މައްސަލައަކަށްވެ ސަފީރުގެ އެކައުންޓް ހެކްކުރީތޯ ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ.
ޕޯޓް ޓުވީޓުތަކެއްގެ އިތުރުން ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ދެކޮޅު ޓުވީޓުތަކަކަށް ސަފީރު "ލައިކް" ދިން މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
އެ ލައިކްތައް މިހާރު ފެންނާކަށް ނެތެވެ.
ޓުވިޓާގައި ޕޯސްޓަކަށް "ލައިކް" ދިނުމަކީ ކޮންމެހެން އެމީހަކު އެ ޕޯސްޓްތަކަށް ސަޕޯޓްކުރުމެއް ނޫނެވެ. ބުކްމާކުކުރުމަށް ވެސް ބައެއް މީހުން ލައިކްދެ އެވެ.
އެ މައްސަލާގައި ޗައިނާގެ އެމްބަސީން މިހާރު ވަނީ ރަސްމީކޮށް އެކަން ހިނގިގޮތް ބަލަން ޓުވިޓާގައި އެދިފަ އެވެ. ނަމަވެސް ޓުވިޓާގެ ތަރުޖަމާނު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ބުނާނެ ވަކި އެއްޗެެއް މިވަގުތު ނެތް ކަމަަށެެވެ.
ޗައިނާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް ޗައިނާ ސަރުކާރާ ދެކޮޅު ފަރާތްތަކުގެ ހަމަލާތައް ސަފީރުގެ އެކައުންޓަށް އަމާޒުވަމުންދާ ކަމަށާއި އަދި އެ ފަރާތްތަކުން މީހުންނަށް ކަންތައްތައް އޮޅޮވާލަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެެވެ.-- ސީއެންއެން