12 Sep 2020, 07:56
ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތު،34، މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގެއިން މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.
އޭނާ މަރުވެފައި އޮއްވާ ފެނުންތާ 15 މިނެޓެއްހާއިރުތެރޭ މުމްބާއީ ފުލުހުން ނިންމީ އޭނާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ. ސަބަބަކީ އޭނާގެ ކަރުގެ ނިޝާން ހުރީ ދަންޖެހިގެން މީހުން މަރުވާ ގޮތަށް ކަމަށްވާތީ އެވެ. އެހިސާބުން ސުޝާންތުގެ ފޭނުންނާ އޭނާއަށް ހެޔޮއެދޭ ފަރާތްތަކުން ސޯޝަލް މީޑިއާ އަޑުއުފުލަން ފެށި އެވެ. ސުޝާންތު ދަންޖެހިފައި ހުރިތަން ފުލުހުންނަށް ނުފެނު އިރު ފުލުހުން އޭނާ އަމިއްލަ އަށް މަރުވީ ކަމަށް ނިންމީ ކީއްވެގެންތޯ ވަނީ ސުވާލު އުފައްދައިފަ އެވެ. އަދި އިންޑިއާގައި ޕޯސްޓްމޮޓަމް ހަދަން މަނާ ގަޑިއެއްގައި ސުޝާންތުގެ ޕޯސްޓްމޮޓަމް އަވަސް އަރުވާލައިގެން ހެދީ ކީއްވެތޯ ވެސް ވަނީ އާންމުން ސުވާލުކޮށްފަ އެވެ. ކޮންމެއަކަސް ސުޝާންތުގެ މަރާ އެކު މުޅި ބޮލީވުޑަށް ސިއްހުން ގެނައިރު އޭނާގެ ފޭނުންނަށް ލިބުނީ ޝޮކެކެވެ. ސުޝާންތު މަރުވެފައި އޮއްވާ ނަގާފައިވާ ފޮޓޯތަކެއް ލީކުވެ، އެ ފޮޓޯތައް ތަހުގީގުކޮށް އޭނާ އަމިއްލައަށް މަރުނުވާކަމަށް އާންމުން ބުނަމުން ދިޔަ އެވެ. ސުޝާންތުގެ މަރާއެކު އޭނާއަށް ބައިޕޯލާ ޑިސްއޯޑާ ޖެހިފައި ހުރި މީހެކޭ ބުނެ ބޮލީވުޑުން ވާހަކަދެއްކި އެވެ. ނަމަވެސް އެ ވާހަކަތައް ގިނަ ބަޔަކު ގަބޫލެއް ނުކުރި އެވެ.
ރިއާ ޗަކްރަބޯޓީ ހައްޔަރުކުރި ދުވަހު---
އާންމުންނަށް އިތުރު ބާރެއް ލިބުނީ ބަތަލާ ކަންގަނާ ރަނައުތު އިންސްޓަގްރާމުގައި ހިއްސާކުރި ވީޑިއޯއަކާ ގުޅިގެންނެވެ. ކަންގަނާ ބުނީ ބަޔަކު މީހުން ރާވައިގެން ސުޝާންތު ނައްތާލުމަށް މަސައްކަތްކުރި ކަމަށާއި ހުދު އޭނާއަށް ވެސް ބޮލީވުޑްގައި އެފަދަ އެތައް ކަންތައްތަކެއް ދިމާވި ކަމަށެވެ.
ސުޝާންތުގެ މަރުގެ ތަހުގީގު މުމްބާއީ ފުލުހުން ކުރަމުންދިޔައީ ވަރަށް ސިއްރިއްޔާތުގަ އެވެ. މީޑިއާތަކަށް ވެސް އޭގެ ފަހުގެ ޚަބަރުތައް ނުދީ އެވެ. ފަހުން މީޑިއާތަކަށް ތިލަވީ ސުޝާންތުގެ އެނދާއި ފަންކާއާ ދެމެދު ދިގުމިން ސުޝާންތުގެ ދިގުމިނަށް ވުރެ ކުރުކަމެވެ. އެއާ އެކު އަނެއްކާ ވެސް ސުވާލުތައް ފުނިފުންޏަށް އުފެދުނެވެ. ސުޝާންތުގެ އެނދާއި ފަންކާއާ ދެމެދުގެ ދިގުމިނަށް ވުރެ ސުޝާންތު ދިގުކަމަށްވާ ނަމަ ދަންޖެހޭނީ ކިހިއްނެއްކަމެވެ.
ސުޝާންތު އަމިއްލައަށް މަރުނުވާނޭ ކަމަށްބުނެ އޭނާ ވަނީ މަރާލާފައިވާ ކަމަށް ބުނެ އާންމުން ގިނަ ހެކިތަކެއް ސޯޝަލް މީޑިއާއަށް ދޫކޮށްލުމަށް ފަހު އެދުނީ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން އެ މައްސަލަ ތަހުގީގުކުރާށެވެ. އެކްޓަރު މަރުވިތާ ދެ ހަފްތާއެއް ތެރޭ އޭނާގެ އާއިލާ އިން ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީއާ ދެކޮޅަށް މައްސަލައެއް ހުށައެޅި އެވެ. ސުޝާންތުގެ އާއިލާއިން ރިއާއަށް ތުހުމަތު ކުރަނީ ސުޝާންތުގެ ޑެބިޑް އަދި ކްރެޑިޓް ކާޑުން ވިޔަފާރިކުރުމާ އެކު ސުޝާންތަށް ނަފްސާނީ ގޮތުން ގެއްލުންދީފައިވާ ކަމަށް ބުނެ އެވެ. ސުޝާންތުގެ ބައްޕަ ބުނީ މިދިޔަ ފެބްރުއަރީ މަހު ސުޝާންތުގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބުނެ މުމްބާއީ ފުލުހުންނަށް މައްސަލައެއް ހުށައެޅި ކަމަށާއި އެ މައްސަލަ ބަލާފައިނުވާ ކަމަށެވެ. މުމްބާއީ ފުލުހުންގެ ކިބައިން އެދެވޭ ނަތީޖާއެއް ނުފެންނާތީ ސުޝާންތުގެ ބައްޕަ ފަހުން ރިއާ އާ ދެކޮޅަށް މައްސަލަ ހުށައެޅީ ޕަޓްނާ ފުލުސް އޮފީހަށެވެ. ޕަޓްނާ އަކީ ސުޝާންތުގެ އަވަށެވެ.
ފަރުޚާން އަޚްތަރުގެ ލޯބިވެރިޔާ ޝިބާނާ ވަނީ ރިއާ ދިފާއުކޮށް ވާހަކަދައްކާފައި، އަދި އަންކިތާއަށް ފާޑުކިޔާފައި---
އެހާހިސާބުން މީޑިއާތައް އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަދައްކަން ފެށި އެވެ. އިންޑިއާގެ ރިޕަބްލިކް ނޫހުން ވަނީ ސުޝާންތު އަމިއްލައަށް މަރުނުވާ ކަމަށާއި އޭނާ މަރާލީ ކަމަށް ބުނެ ގިނަ ހެކިތަކެއް ދޫކޮށްލައިފަ އެވެ. އަދި ޕަޓްނާ ފުލުހުން މައްސަލަ ތަހުގީގުކުރަން މުމްބާއީއަށް އެރުމާ އެކު މުމްބާއީ ފުލުހުން އައީ ޕަޓްނާ ފުލުހުންނަށް އެކި ކަހަލަ ދުއްތުރާ ކުރަމުންނެވެ. އެ ކޭހާ ހަވާލުވާން ޕަޓްނާގެ އިސް ފުލުހަކު މުމްބާއީ އަށް އައުމާ އެކު އޭނާ ކަރަންޓީނުކުރި އެވެ. އެ އަމަލާއެކު މުމްބާއީ ފުލުހުންނަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވި އެވެ.
މުމްބާއީ މަހަރާޝްތުރާ ސަރުކާރުން އެ މައްސަލަ ސިޔާސީ ކުރުވި އެވެ. އެމީހުން ބުނީ ޕަޓްނާގެ އިލެކްޝަން އޮންނާތީ އެ މީހުން އެ މައްސަލަ ބަލަން އެއްބަސްވީ ކަމަށެވެ.
ކޮންމެއަކަސް މިދިޔަ މަހު އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ސުޝާންތުގެ މަރުގެ ތަހުގީގު ސީބީއައިއިން ކުރުމަށް އަމުރުކޮށްފަ އެވެ.
އިންޑިއާ އާއި ޗައިނާ އާ ދެމެދު ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ހުރިހާ ޗެނަލެއް ކަހަލަ ގޮތަކަށް ސުޝާންތުގެ މަރުގެ ޚަބަރުތައް ގެނެސްދޭތީ ބައެއް މީހުން އަންނަނީ ފާޑު ވެސް ކިޔަމުންނެވެ.
ކޭސްގެ އަޕްޑޭޓް
ސީބީއައިން މިހާރު ވަނީ ސުޝާންތުއާ އެކު ދިރިއުޅުނު ހުރިހާ އެންމެންނާ ސުވާލުކޮށްފަ އެވެ. އަދި އޭނާގެ ރަހުމަތްތެރިނާ އޭނާގެ ލޯބިވެރިޔާ ރިއާއާ ވެސް ސުވާލުކޮށްފަ އެވެ. ސީބީއައިން ތަހުގީގުކުރަމުން ދަނިކޮށް ޑުރަގު މައްސަލައެއް ފެންމަތިވުމާ އެކު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ވަނީ ޑުރަގު މައްސަލަ ތަހުގީގުކުރަން ފަށައިފަ އެވެ. އަދި އެ މައްސަލާގައި ރިއާ ޗަކްރަބޯޓީ އާއި އޭނާގެ ކޮއްކޮ ޝޮވިކް ޗަކްރަބޯޓީ އާއި ސުޝާންތުގެ ގޭގައި އުޅުނު ދިޕޭޝް ސާވަންތުގެ އިތުރުން ސެމިއުލް މިރަންޑާ އާ ދެކޮޅަށް ގިނަ ހެކިތަކެއް ފެނި އެ މީހުން ޑުރަގު ޑީލަރުންނާ ގުޅުން ބާއްވާ ކަމަށް އެއްބަސްވުމާ އެކު އެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ރިއާ އާ އޭނާގެ ކޮއްކޮ ކަލާފަތުގެ ދަށުން މިނިވަން ކުރަން ކޯޓުގައި ތިން ދުވަހު އެދުމުން ވެސް ކޯޓުން ވަނީ އެމީހުން މިނިވަން ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އޭނާ ހައްޔަރުކުރި އިރު ވަނީ ބޮލީވުޑާ ޑުރަގާ ގުޅުން ހުރި 25 ނަމެއް އެންސީބީއާ ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން ތިން ނަން މީޑިއާތަކަށް މިހާރު ވަނީ ތިލަވެފަ އެވެ. އެއީ ސާރާ އަލީ ޚާން، ސައިމަން ޚަބައްޓާ އަދި ރާކުލް ޕްރީތު ސިންހް އެވެ. މި މީހުންނާ ސުވާލުކުރަން އެންސީބީއިން އަންނަނީ ތައްޔާރުވަމުންނެވެ. ރިއާ ހައްޔަރުކުރުމާ އެކު ބޮލީވުޑުގެ ގިނަ ތަރިންތަކެއް ރިއާގެ ދިފާއުގައި ވާހަކަ ދައްކާ ހެދި އެވެ. އަދި ބައެއް މީހުން ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ އަށް ވަރަށް ބޮޑަށް ފާޑުކި އެވެ. އޭނާ އުޅޭނީ މި ކޭސް މެދުވެރިކޮށް މަޝްހޫރުވާން ކަމަށް ބުނެ އެވެ. އެ ވާހަކަތަކަށް އަންކިތާ ރައްދުދިނުމާ އެކު ގިނަ ޓީވީ ތަރިންނެއް ވަނީ އަންކިތާ ކޮޅަށް އަރާ ސުޝާންތުގެ މައްސަލާގައި އަޑުއުފުލަން ފަށައިފަ އެވެ. އަދި ސުޝާންތުގެ ދައްތަ ވަނީ އަންކިތާ ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ.
ބަތަލާ ކަންގަނާ ވަނީ މީޑިއާއަކަށް އިންޓަވިއުދީ ބޮލީވުޑުގައި ޑުރަގު ކަންތައް އޮންނަ ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ. އަދި ސުޝާންތަށް އިންސާފު ހޯދައިދިނުމުގައި އިންޑިއާގެ މަހަރާޝްތުރާ ސަރުކާރުންނާއި މުމްބާއި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެފައެވެ. އެއާއެކު ސަރުކާރުގެ ފިއްތުންތައް ކަންގަނާއަށް ކުރިމަތިވި އެވެ. އޭނާގެ އޮފީސް މުނިސިޕަލް ކޯޕަރޭޝަން އޮފް ގްރޭޓާ މުމްބާއީ (ބީއެމްސީ)ގެ ޓީމުން ވަނީ އެއްކޮށް ތަޅާ ސުންނާފަތިކޮށްލައިފަ އެވެ. އަދި ސުޝާންތުގެ މަރާއެކު އެންމެ އަޑުއުފުލި މީޑިއާ ރިޕަބްލިކް ނެޓްވޯކުގެ ނޫސްވެރިޔަކު ލައިވް ކޮށް އަޕްޑޭޓް ފޯރުކުރަމުން ދަނިކޮށް ހައްޔަރުކޮށްފަ އެވެ. މުމްބާއީ ފުލުހުން ސުޝާންތަށް އިންސާފުދިނުމަށް ނުކުޅެދިފައިވާ ކަމަށާއި އެ މަރާ ގުޅިގެން ސިޔާސީ ބަޔަކު ހިމާޔަތްކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ މީޑިއާތަކުގައި ވާހަކަ ދެއްކި އެވެ. އަދި އެ މަރުގެ ފަހަތުގައި ކަންތައްތަކެއް ސިއްރުކޮށްފައިވާ ކަމަށް ބުނެ އާންމުން ވާހަކަދެއްކި އެވެ. މީޑިއާތައް ކެކި ގަތެވެ. އާންމުންގެ ލޭ ވެސް ކެކިގެން ދިޔަ އެވެ.
ސީބީއައި އިން މިހާރު އަންނަނީ ސުޝާންތުގެ ކުރީގެ މެނޭޖަރު ދިޝާ ސާލިއަންގެ މަރާ ސުޝާންތުގެ މަރާ ގުޅުމެއް އޮތްތޯ ބަލަމުންނެވެ. އަދި ދިޝާ މަރުވި ރޭ އޭނާއާ އެކު ޕާޓީ އަށް ދިޔަ މީހުންނާ ސުވާލުކުރަން ވަނީ ނިންމައިފަ އެވެ. އެ ޕާޓީ ބޭއްވީ ސިޔާސީ އިސް މީހެއް ކަމަށް ހަބަރުތައް ބުނެ އެވެ. އަދި އެ މައްސަލަ ސީބީއައި އިން އަންނަނީ ސީރިއަސް ގޮތެއްގައި ތަހުގީގުކުރަމުންނެވެ. ހަމަ އެއާ އެކު ސީބީއައިގެ ޓީމެއް އަންނަނީ ސުޝާންތުގެ އޮޓޯޕްސީ ރިޕޯޓް ތަހުގީގުކުރަމުންނެވެ. ބޭރުގެ މީޑިއާތައްް ބުނާ ގޮތުގައި މުމްބާއި ފުލުހުން ސުޝާންތުގެ މަރުގެ ތަހުގީގު ކުރިއަށް ގެންދިޔަ ގޮތާ މެދު ސީބީއައި އިން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހެ އެވެ. އެއިމްސް ހޮސްޕިޓަލުގެ ފޮރެންސިކް ޓީމުން އޮޓޮޕްސީ ރިޕޯޓު ތަހުގީގު ކުރަމުން އަންނައިރު އޭގައި ޝައްކުތަކެއް ހުރި ކަމަށް އެ ހޮސްޕިޓަލުގެ ފޮރިންސިކް ޑިޕާޓްމަންޓުގެ ޗީފް ސުދީރް ގުޕްތާ ވަނީ ވިދާޅުވެފަ އެވެ. އަދި އެއިމްސްގެ ޓީމުން އެ ކޭސް ހޯމިސައިޑްގެ (މަރާލުން) ކޭހެއް ގޮތުގައި ބަލަން ތައްޔާރުވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެ އެވެ. އެ ރިޕޯޓުގެ ނަތީޖާ އަންނަ ހަފްތާތެރޭ ލިބޭނެ ކަމަށް ބެލެވެ އެވެ.