ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކޮށް، ވީޑިއޯ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެކަން ހިނގާފައިވަނީ އއ. ބޮޑުފުޅަދޫގައެވެ. ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައިވަނީ، ރޭގެ ވަގުތެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، އިއްޔެ ރޭ އއ. ބޮޑުފުޅަދޫގައި ހާއްސައެހީއަށް ބޭނުންވާ އަންހެނަކު، އެ ރަށުގެ ދޯނި އެހެލާ ބަނދަރަށް ގެންގޮސް ދެ މީހަކު ވެގެން އޭނާއަށް ގަދަކަމުން ބަދު އަހުލާގީ އަމަލު ހިނގައި ވީޑިއޯކޮށްފައިވާ މައްސަލައެއް އެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެކެވެ. އެ ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ، ކޯޓު އަމުރެއްގެ ދަށުން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ބޮޑުފުޅުދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި ވާހަކަ އެ ރަށު ކައުންސިލުންވެސް ކަށަވަރުކޮށްދެއެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.