ޓުއަރިޒަމް ސެކްޓަރުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ހާއްސަ އީމެއިލް އެޑްރެސްއެއް ހަމަޖައްސައިފި އެވެ.

ޓުއަރިޒަމް މިނިސްޓްރީއިން މިއަދު ބުނެފައިވަނީ ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އާއި މިނިސްޓްރީއާ ބައްދަލުކޮށް ވަނީ މުވައްޒަފުންނަށް ހިޔާލު ފާޅުކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ނިންމާފައި ކަމަށެވެ.

ޓީމް އާ ބައްދަލުކޮށް މިނިސްޓްރީއިން ނިންމާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މުވައްޒަފުންނަށް ހިޔާލު ފާޅުކުރުމަށް މެއިލްއެއް ހެދުމަށެވެ. އެގޮތުން މިހާރު ވާނީ އެކަމަށް ހާއްސަ މެއިލްއެއް ހަމަޖައްސާފަ އެވެ. އެ އީމެއިލް އަކީ؛[email protected]އެވެ.

އެ މެއިލް މެދުވެރިކޮށް މުވައްޒަފުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް ހިއްސާކުރެވޭނެ ކަމަށް މިނިސްޓްރީއިން ބުނެ އެވެ. އަދި ކާކުކަން ނޭނގޭ ގޮތަށް އެނޯނިމަސްކޮށްވެސް ހިޔާލުތަކާ ކަންބޮޑުވުންތައް ހިއްސާކުރެވޭނެ ކަމަށް މިނިސްޓްރީއިން ފާހަގަކޮށްފައިވެ އެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވާލި ނަމަވެސް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައިވަނީ ރިސޯޓުތަކަށާއި ސަފާރީ ތަކަށެވެ. މާލެ ސަރަހައްދުގެ ބައެއް ގެސްޓުހައުސް އަދި ހޮޓާތަކަށް ޓްރާންސިޓް ފެސިލިޓީތަކުގެ ގޮތުގައި ހިންގުމަށް ހުއްދަ ދީފައިވެ އެވެ.

އެހެންނަމަވެސް އަންނަ މަހުގެ 15 އިން ފެށިގެން މާލެ ނޫން ސަރަހައްދުގެ ގެސްޓު ހައުސްތައް އޮޕަރޭޓްކުރަން ފެށުމަށް ހުއްދަ ދިނުމަށް ވަނީ ނިންމާފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އަސަރެއް ކޮށްފައިވާއިރު އެކަމުން އަރައިގަތުމަށް ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ.