10 Sep 2020, 22:07
މިއަދު 1709 މީހުން ކޮވިޑަށް ޓެސްޓް ކުރުމުން ޕޮޒިޓިވްވީ 66 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 50 ދިވެހީންނާއި 16 ބިދޭސީން ކަމަށެވެ. މިއަދު މިއަދު މާލެ ސަރަހައްދުން 63 ކޭސް ފެނުނު އިރު، އަތޮޅު ތެރެއިން ތިން ކޭސް އެއް ވަނީ ފެނިފައެވެ.
އިއްޔެގެ އިރުއިއްސުމާ ހަމައަށް 124،966 ސާމްޕަލް ނެގި އިރު، މިއަދުގެ އިރުއޮއްސުމާ ހަމައަށް 126،675 ސާމްޕަލެއް ވަނީ ކޮވިޑަށް ޓެސްޓުކޮށްފައެވެ.
އެހެންކަމުން މިއަދު ޓެސްޓުކުރި 1709 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 66 މީހުންނެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 8،900 އަށް އަރައިފައެވެ.
އޭގެ ތެރެއިން 6،559 މީހަކު ރަނގަޅުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 2،304 މީހުންނެވެ.
މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 1029 މީހަކު ތިބި އިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށް 134 މީހަކަށް އަންނަނީ ފަރުވާދެމުންނެވެެ. ބަލީގައި ރާއްޖެއިން މިހާތަނަށް 31 މީހަކު ވަނީ މަރުވެފައެވެ.
މި ހަފްތާގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ދަށްވާން ފަށައިފައެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެއްވެސް ގޮތަކަށް ފަރުވާކުޑަ ނުކުރުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.