ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ލަވަ މިއަދު ލޯންޗް ކޮށްފިއެވެ.

އެގާރަ ކަޑި ހިމެނޭ މި ލަވައިގައި ރާއްޖޭގެ ކޮވިޑްގެ ހާލަތާއި، އާއިލާތައް ތަހައްމަލު ކުރަމުންދާ ވޭނާއި ކެކުޅުން ގެނެސްދީފައި ވެއެވެ.

އަދި ރާއްޖޭގެ އިގުތިސޯދަށް ދިމާވެފައިވާ ހީނަރުކަމާއި، ކޮވިޑްގެ މިހާލަތުގައި ސިއްހީ އެހީތެރިން ވަމުންދާ ގުރުބާނީއާއި އެކިއެކި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި "ގައުމުގެ އިހުސާސް" ވަރަށް ފުރިހަމައަށް ގެނެސްދީފައި ވެއެވެ.

"ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ލަވަ ލޯންޗް ކޮށް ދެއްވީ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަލީ ހާލިދެވެ.

މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) ހައްދަވާފައިވާ މި ލަވަ، ކިޔުއްވާފައި ވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އެވެ. ލަވައިގެ މިއުޒިކު ހައްދަވާފައި ވަނީ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކޮށް އެ ބަލި ފެތުރުން ހުއްޓުވުމަށް ދިވެހި މީޑިއާތައް އިސް ނަގައިގެން 'ކޮވިޑް ހުއްޓުވާނީ އަހަރެން' ނަމުގައި ކެމްޕެއިނެއް ފެށީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

ކެމްޕެއިން ރަސްމީކޮށް ފައްޓަވައި ދެއްވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.