11 Sep 2020, 07:38
ބޮލީވުޑުގެ ދުވަސްވީ ބަތަލާ ސުރޭޚާ ސިކްރީ،75، އަށް ސިކުނޑީގެ ސްޓްރޯކެއްޖެހި އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ވެޓެރަން އެކްޓަށް މުމްބާއީ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ޑަކްޓަރުންދޭ ފަރުވާއަށް ޑަކްޓަރުން ހިތްހަމަޖެހޭވަރަށް އޭނާ ރެސްޕޯންޑު ނުކުރާ ކަމަށާއި ނަމަވެސް އޭނާގެ ހާލު ކުރިއަށްވުރެ ރަނގަޅުކަމަށް ޚަބަރުތައް ބުނެ އެވެ. އަންގާރަ ދުވަހު ބަތަލާ އެޑްމިޓްކުރި އިރު އޭނާއަށް ވަނީ މީގެ ކުރިން ވެސް ސްޓްރޯކެއްޖެހި ފަރުވާދީފަ އެވެ.
ސުރޭޚާ އަށް އައިސީޔޫގައި ފަރުވާދެމުންދާކަން މީޑިއާތަކަށް ތިލަވުމާ އެކު ބޮލީވުޑްގެ ގިނަ ތަރިންނާއި އޭނާގެ ފޭނުން އަންނަނީ ސުރޭޚާއަށް އަވަސް ޝިފާއަކަށް އެދެމުންނެވެ.
ބަތަލާ ސުރޭޚާ ވަނީ ތިން ފަހަރުގެ މަތިން ނޭޝަނަލް އެވޯޑުވެސް ހޯދައިފަ އެވެ. ދެހާސް އަށާރަ ވަނަ އަހަރު އެކްޓަރު އަޔޫޝްމަން ކުރާނާއާ އެކު ކުޅުނު "ބަދާއީ ހޯ" އިން އޭނާއަށް ވަނީ އެންމެ މޮޅު ސަޕޯޓިން ބަތަލާގެ ނެޝަނަލް އެވޯޑު ލިބިފަ އެވެ. ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތަކުން ފެނިގެންދިޔަ ސުރޭޚާ ވަނީ ބޮލީވުޑުގެ ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފަ އެވެ.