14 Jan 2012, 21:15
ގައުމީ ޕާޓީގެ ކައުންސިލް މެންބަރު ސަންދާނު އަހައްމައިދީ އަނެއްކާ ވެސް މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ފުލުސް އޮފީހަށް ވަދެވަޑައިގަތުމުގެ ކުރިން އަހައްމައިދީ މީޑިޔާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އިއްޔެ ރޭ ފުލުހުން ކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވެފައިވީ ނަމަވެސް މިރޭ އޭނާ ހަނު ހުންނަވާނެ ކަމަށެވެ.
ސާބިތު ނުހިފޭ ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ އިއްޔެ ރޭ މެންދަމުން ފެށިގެން ދޫނިދޫ ތަހުގީގު ޖަލުގައި ބަހައްޓާފައިވާ ސަންދާން އަހަންމައިދީ ދޫކޮށްލީ ރޭ އިރާކޮލުގެ ވަގުތެއްގަ އެވެ.
ފުލުހުން ރޭ ބުނެފައި ވަނީ އަހަންމައިދީ ދޫކޮށްލީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ފަހުގައި ކަމަށެވެ..
މި ރޭ އަހައްމައިދީ ފުލުހުންގެ މަރުކަޒަށް ގެންދިއުމާ ގުޅިގެން ޕޮލިސް ކުރިމަތީގައި ގައުމީ ޕާޓީ އާއި ޑީއާރުޕީގެ އެކްޓިވިސްޓުން ރައީސް ނަޝީދުގެ އިސްތިއުފާއަށް ދަނީ ގޮވަމުން ނެވެ.
ޑީއާރުޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފުލުހުން މަސައްކަތް ކުރަނީ ސިޔާސީ ފަރާތްތައް ހައްޔަރު ކުރުމަށް ފަހު، 24 ގަޑި އިރުވާން ކައިރިވާ އިރަށް ދޫކޮށްލުމަށް ފަހު އަނެއްކާ ޖެހިގެން އަންނަ ދުވަހު އެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން ކަމަށެވެ.