ކޮލޮމްބޯ (ސެޕްޓެމްބަރު 10): ސްރީލަންކާގައި ގެރި ކަތިލުން ވަރަށް އަވަހަށް މަނާ ކުރާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ލަންކާގެ ވެރިކަން ކުރާ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)ގެ ޕާލިމެންޓަރީ ގުރޫޕުން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ ގެރި ކަތިލުން މަނާ ކުރުމާ ބެހޭ ގޮތުން ހިޔާލު ހޯއްދަވާފަ އެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް އެ ހުށަހެޅުމަށް ތާއިދު ކުރި ކަމަށް ކެބިނެޓުގެ ތަރުޖަމާނު ކެހެލިޔަ ރަމްބުކްވެލަ ވިދާޅުވި އެވެ.

ރަމްބުކްވެލަ ވިދާޅުވި ގޮތުގައި ގެރި ކަތިލުން މަނާ ކުރުމާ ބެހޭ ރަސްމީ ހުށަހެޅުމެއް އަދި މަހިންދަ ތައާރަފް ނުކުރައްވަ އެވެ. ނަމަވެސް އެފަދަ ހުށަހެޅުމެއް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އަދި ގެރި ކަތިލުން މަނާ ކުރި ނަމަވެސް ގެރި މަސް ގައުމަށް އެތެރެ ކުރެވޭނެކަން ލަންކާ ސަރުކާރުގެ އޮފިޝަލުން ފާހަގަ ކުރި އެވެ.

މިދިޔަ މަހު ލަންކާގައި ބޭއްވި ޕާލިމެންޓަރީ އިންތިހާބުން އެސްއެލްޕީޕީ ވަނީ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ހޯދާފަ އެވެ. އެ ޕާޓީގެ ގިނަ ސަޕޯޓަރުންނަކީ ގައުމުގެ އާބާދީގެ ބޮޑުބައެއް ހިއްސާ ކުރާ ސިންހަލަ ބުޑިސްޓުންނެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ ގެރި މަސް ނުކާ މީހުންނެވެ.

މީގެ އިތުރުން ލަންކާގައި ގެރި ކަތިލުން މަނާ ކުރުމަށް ބުޑިސްޓު ހާމުދުރުންނާއި ހިންދޫ ގުރޫޕުތަކުން އެގައުމުގެ އެކި ސަރުކާރުތަކަށް ޕްރެޝަރު ކުރާތާ އަހަރުތަކެއްވެއްޖެ އެވެ.