14 Jan 2012, 21:06
ކޮންޓްރެކްޓު ހެދުމަށްފަހު، މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި ކުލަބް ވެލެންސިޔާއަށް ކުޅުނު ކެމަރޫންގެ ފޯވާޑް އަވީލޯ ވިކްޓަރީއަށް ކުޅެން އެއްބަސްވެ ކޮންޓްރެކްޓް ހަދައިފި އެވެ.
ވިކްޓަރީގެ މެނޭޖަރު އަހުމަދު އަޔާޒު (އަޔާ) ބުނީ، ސީޒަން ފެށެންވާއިރަށް ވިކްޓަރީގައި މިވަގުތު ރަޖިސްޓްރީ ކޮށްފައި ވަނީ ބިދޭސީ އެންމެ ކުޅުންތެރިއެއް ކަމަށާއި އެއީ މިދިޔަ އަހަރު ވެލެންސިޔާ އަށް ކުޅުނު ކެމަރޫންގެ ފޯވާޑް އަވީލޯ ކަމަށެވެ. އަދި ކްލަބުން މަސައްކަތް ކުރަނީ އޭނާ ގެނައުމަށް ކަމަށެވެ.
"ކުރިއަށް މިއޮތް ހަފްތާއެއްހާ ދުވަސް ތެރޭ އޭނަ މާލެ އަންނާނެ. އަވީލޯ މިހާރު ވާނީ ވިކްޓަރީގައި ރަޖިސްޓްރީ ކުރެވިފަ. އޭނާ ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުލަބުން އަންނަނީ ކުރަމުން" އަޔާ ބުންޏެވެ.
އަޔާ ބުނީ، އިތުރު ބިދޭސީ ކުޅުންތެރިން ހޯދުމަށް ވިކްޓަރީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެންނަމަވެސް ކުޅުންތެރިން ހޯދަން ވަގުތު ނެތުމުން މިހާރު ވިސްނުން ހުރީ ކުރިއަށް އޮތް އޭއެފްސީ ކަޕަށް ތައްޔާރުވުން ކަމަށެވެ.
"ބިދޭސީ ކުޅުންތެރިން ހޯދުމަށް ބޭރުގެ އެޖެންޓުންނާ ވެސް ވާހަކަ ދައްކަމުން މިދަނީ. އަހަރުމެންނަށް މިވަގުތު އަދި އަވީލޯއާ އެކަނި އެއްބަސްވުމަކަށް އާދެވިފަ މިވަނީ. ވަގުތު ނެތުމުން އިތުރު ކުޅުންތެރިއަކު ނުހޯދިގެން މިއުޅެނީ" އަޔާ ބުންޏެވެ.
އަޔާ ބުނީ ކުރިއަށް އޮތް އޭއެފްސީކަޕަށް ފަހު އިތުރު ބިދޭސީ ދެ ކުޅުންތެރިއަކު ޓީމާ ގުޅޭނެ ކަމަށާއި އެއީ ގާނާގެ ކުޅުންތެރިއަކާއި ނައިޖީރިއާގެ ކުޅުންތެރިއެއް ކަމަށެވެ. އަދި އެ ދެކުޅުންތެރިން މާލެ އަންނާނީ އެމީހުންގެ އަމިއްލަ ހަރަދުގައި ޓްރަޔަލްއަކަށް ކަމަށް ވެސް އަޔާ ބުންޏެވެ.
އޭއެފްސީ ކަޕާއި އަންނަ މަހުގެ ކުރީކޮޅު އިންޑިއާގައި ބާއްވާ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވިކްޓަރީން ފަރިތަކުންތައް ފަށާފައިވާއިރު، އަޔާ ބުނީ، ޓީމާ އަލަށް ގުޅުނު ހުރިހާ ކުޅުންތެރިން ފަރިތަކުރުންތަކުގައި ބައިވެރިވާ ކަމަށާއި އެގޮތުން ޓީމްގެ ފަރިތަކުރުންތައް ދުވާލަކު ދެ އިރު ކުރިއަށް ގެންދާ ކަމަށެވެ.
މިއަހަރުގެ ފުޓްބޯޅަ މޫސުން ފެށެން ކުޑަ ދުވަސް ކޮޅަކަށް ވެފައި ވާއިރު، ވިކްޓަރީއާ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި މިދިޔަ އަހަރު މާޒިޔާއަށް ކުޅުނު އަކުރަމް އަބްދުލް ގަނީ އާއި މުހައްމަދު އުމެއިރު ހިމެނެއެވެ. އަދި ނިއުއަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) ވެސް ވިކްޓަރީއާ ގުޅުނު އިރު، ވީބީގެ އަހުމަދު ސައީދު (އައްމަޓީ) އާއި ވެލެންސިއާގެ ރިލްވާން ވަހީދު (ރިލޭ) ވަނީ ވިކްޓަރީއަށް ބަދަލުވެފައެވެ.