ޕާމް ބީޗް (ޖަނަވަރީ 14) : އެެމެރިކާގެ ރައީސް ކަމަށް އިންތިޚާބު ވެއްޖެ ނަމަ ހުރިހާ ޙާލަތެއްގައި ވެސް ހުންނަވާނީ އިސްރާއީލުގެ ކޮޅުގައި ކަމަށް އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި އެންމެ ކުރީގައި އުޅުއްވާ ކެންޑިޑޭޓް މިޓްރުމްނީ ވިދާޅުވެއްޖެވެ.

ފްލޮރިޑާގެ ޕާމް ބީޗްގައި ޔަހޫދީންގެ ޖަމާއަތަކާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރުމްނީ ވިދާޅުވީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ޔަހޫދީ އާބާދީތައް ބިނާކުރާ މައްސަލާގައި ރައީސް ބަރަކް އޮބާމާ އިސްރާއީލަށް ފާޑުވިދާޅުވެފައިވުމުން އެކަމާ ހިތާމަކުރައްވާ ކަމުގަ އެވެ.

އެމެރިކާގައި ބާރާއި ނުފޫޒުގަދަ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުގެ ތާއީދު ހޯދުމަށް އޮބާމާ ވެސް ގެންދަ ވަނީ އިސްރާއީލަށް ތާރީފު ކުރައްވައި ވަރުގަދަ ބަޔާންތައް ދެއްވަމުންނެވެ. މިގޮތުން އިސްރާއީލުގެ ޙިމާޔަތުގައި އެމެރިކާގެ އެއްވެސް ސަރުކާރަކުން ނުކުރާހާ މަސައްކަތް ފާއިތުވި ތިން އަހަރު ތެރޭގައި އޭނާގެ ސަރުކާރުން ކޮށްފައިވާނެ ކަމަށް މިދިޔަ ހުކުރުދުވަހު އޮބާމާ ވިދާޅުވި އެވެ.

ދެ ހާސް އަށް ވަނަ އަހަރު އިންތިޚާބުގައި އެމެރިކާގެ ބައިމަދު ޔަހޫދީންގެ ކޮންމެ 10 މީހެއްގެ ތެރެއިން 8 މީހުންގެ ވޯޓު އޮބާމާއަށް ލިބުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ ރިޔާސީ ރޭސް ކާމިޔާބު ކުރުމަށްޓަކައި އެމެރިކާގައި ބައިމަދު އެހެނަސް ބާރާއި ނުފޫޒުގަދަ ހަރުކަށި ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުގެ ތާއީދު ކޮންމެހެން ބޭނުންކަމަށް އެމެރިކާގެ ރިޔާސީ ކެންޑިޑޭޓުން ދެކެއެވެ.

މިކަމަށްޓަކައި އެމެރިކާގެ ރިޔާސީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ވުމަށް މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ އިސްރާއީލުގެ އިސްތިޢްމާރަށާއި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޓެރަރިސްޓް ޙަރަކާތްތަކަށް ބީރުކަންފަތެއް ދިނުމަށްފަހު އިސްރާއީލަށް ހިފެހެއްޓުމެއްނެތި ތާރީފުކުރަމުންނެވެ. (ރޮއިޓާސް+އަލްޖަޒީރާ)