10 Sep 2020, 10:00
ވޮޝިންޓަން (ސެޕްޓެމްބަރު 10) : އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ ގިނަބަޔަކު އެގައުމުން ބާލަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވީ އޭނާގެ ސަޕޯޓަރުން ރުއްސައިގެން ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެމީހުންގެ ވޯޓުތައް ހޯދުމުގެ ބޭނުމުގައި ކަމަށް މުހައްލިލުން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ މުހައްލިލުން ވިދާޅުވާގޮތުގައި ޓްރަމްޕްގެ ގިނަ ސަޕޯޓަރުންނަކީ ދުނިޔޭގެ އެކިގައުމުތަކުގައި ބައިތިއްބާ އެމެރިކާ ސިފައިން އަނބުރައި ގައުމަށް ގެނަސް އެމެރިކާގެ ބައިނަލްއަގްވާމީ ދައުރު ކުޑަކުރުމަށް ތާއީދުކުރާ ފަރާތްތަކެވެ.
ޓްރަމްޕްގެ ސަޕޯޓަރުން އެދެނީ އެމެރިކާ ސިފައިން އަނބުރައި ގައުމަށް ގެންދިޔުން
ދުނިޔޭގެ އެކި ގައުމުތަކުގައި ސިފައިން ބައިތިއްބައިގެން ބައިނަލްއަގްވާމީ ފުލުހެއްގެ ބައި އަދާކުރުމަށްޓަކައި އެމެރިކާ އަހަރަކު އެތައްް ބިލިޔަން ޑޮލަރަކުން ކުރާ ބޭކާރު ޚަރަދުތައް ހުއްޓާލައި އެޚަރަދުތަކުން އެމެރިކާގެ އިގްތިސާދު ރަނގަނޅުކޮށް އެމެރިކާގެ ރައްޔިތުންނަށް ވަޒީފާތައް އިތުރުކޮށް އެމެރިކާގެ އެތެރޭގެ ތަރައްގީއަށް ޚަރަދުކުރުމަށް އެފަރާތްތަކުން ބާރުއަޅާކަމަށާއި އިންތިޚާބުގެ މިދުވަސްވަރު އެކަމަށް އިޖާބަ ދިނުން ނޫންގޮތެއް ޓްރަމްޕަށް ނޯންނާނެކަމަށް އެމެރިކާގެ މުހައްލިލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.
ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގައި ސަޕޯޓަރުން ރުހޭ ވަރަށް ޓްރަމްޕަށް އެކަން ކުރެވި ނެތުމުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ސަޕޯޓަރުންގެ ތާއީދު ގެއްލިދާނެކަމުގެ ބިރު ޓްރަމްޕް އިހްސާސް ކުރައްވާކަމަށް ވެސް އެމެރިކާގެ މުހައްލިލުން ރިޕޯޓްތަކުގައި ފާހަގަ ކުރައްވާފައިވެެ އެވެ.

އިރާގުގައި ތިބޭ އެމެރިކާ ސިފައިން
ދެހާސް ސޯޅައިގެ ރިޔާސީ ކޭންޕޭންގައި ޓްރަމްޕްވަނީ އޭނާއަށް ވެރިކަން ލިބިއްޖެނަމަ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި އެމެރިކާ ސިފައިންގެ ގިނަ ބަޔަކު އަނބުރައި ގައުމަށް ގެނައުމަށް ވައުދުވެ ވަޑައިގެންފަ އެވެ. ނަމަވެސް އެމެރިކާގެ ޑީޕްސްޓޭޓްގެ ނުފޫޒުގެ ސަބަބުން މިކަން މާ ފުޅާ ދާއިރާއެއްގައި ޓްރަމްޕަށް ކުރެވޭގޮތް ވެފައެއް ނުވެ އެވެ. ޑީޕް ސްޓޭޓްގައި ހިމެނެނީ ޕެންޓަގަންގެ އިތުުރުން އެމެރިކާގެ ހަތިޔާރު ކުންފުނިތަކާއި ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކާއި އެނޫންވެސް ބާރުގަދަ ފަރާތްތަކެވެ. އެމެރިކާ އަސްކަރީ ގޮތުން ކުރާ ޚަރަދުތަކުގެ ބޮޑުބައި ލިބެނީ މި ފަރާތްތަކުގެ ޖީބުތަކަށް ކަމަށްވެ އެވެ.
އެެމެރިކާގެ ހަންފެތުރުމުގެ ފަހަތުގައި ޑީޕްސްޓޭޓް
ދުނިޔޭގެ އެކި ގައުމުތަކުގައި ސިފައިން ބައިތިއްބައިގެން ދުނިޔެއަށް އެމެރިކާގެ މުލައްދަނޑީގެ ބާރުދައްކައި ބައިނަލްއަގްވާމީ ފުލުހެއްގެ ބައި އަދާކޮށް ދުނިޔޭގެ ކަންކޮޅުތަކުގައި ހަންފެތުރުމަކީ މިދެންނެވި އެމެރިކާގެ ޑީޕް ސްޓޭޓްގެ މުއައްސަސާތައް ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ. ނަމަވެސް މިކަމުގެ ސަބަބުން އިގްތިސާދީ ގޮތުން އެމެރިކާއަށްވަނީ ތަހައްމަލް ނުކުރެވޭވަރުގެ ބޮޑު ބުރައެއް އުފުލަންޖެހި ލިބޭއެއްޗަކަށްވުރެ ކުރަންޖެހޭ ޚަރަދު ބޮޑުވެ ދަރަނިވެރިވެފަ އެވެ. މިކަމުގެ ސަބަބުން ގެއްލުންވަނީ އެމެރިކާގެ ނިކަމެތި އާންމުންނަށެވެ. އެމެރިކާގެ ދަރަނީ އެގައުމުގެ ޖީޑީޕީގެ 93 އިންސައްތައަށް އަރަ އެވެ.
އިރާގަށް ވަޑައިގެން އުޅުއްވާ އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑްގެ ވެރިޔާ ޖެނެރަލް ކެނެތް މެކަންޒީ ވިދާޅުވީ އެމެރިކާގައި މަރުކަޒުކޮށްގެން ތިބޭ އެމެރިކާ ސިފައިންގެ ތެރެއިން 2200 ސިފައިން މިމަހުގެ ތެރޭގައި ބޭލުމަށް ހަމަޖެހިފައިވާ ކަމަށާ އެކަން ތަންފީޒު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމުގަ އެވެ.
އެމެރިކާ ސިފައިން އިރާގުގައި ބައިތިއްބަނީ އީރާނަށް ޖެއްސުން ކުރަން
އިރާގު ސަރުކާރާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުން އިރާގުގައި ތިބެނީ އެމެރިކާގެ 5200 ސިފައިންނެވެ. އޭގެތެރޭގައި ހިމެނެނީ އައިއެސް ޖަމާއަތާ ދެކޮޅަށް އިރާގުން ކުރާ ހަނގުރާމައަށް ބޭނުންވާ އަސްކަރީ ލަފައާއި މަޝްވަރާ ދޭ އަސްކަރީ މުސްތަޝާރުންނާ އަދި އިރާގު ސިފައިންނަށް މަތީފެންވަރުގެ ތަމްރީންދޭ މުދައްރިބުން (ޓްރޭނަރުން) ނެވެ.
އިރާގުން އެމެރިކާ ސިފައިންގެ ގިނަބަޔަކު ބާލައި އެމީހުން އަނބުރައި އެމެރިކާއަށް ގެންދިޔުމަށް ރައީސް ޓްރަމްޕް ނިންމަވާފައި މިވަނީ އެމެރިކާ ސިފައިން އެއްކޮށް އިރާގުން ބޭލުމަށް ގޮވާލައި އިރާގުގެ ބައެއް ޖަމާއަތްތަކުން މަސައްކަތްތަކެއް ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާ ސިފައިން އިރާގުގައި ތިބެނީ އައިއެސް އާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އިރާގަށް އެހީތެރިވުމުގެ ނަމުގައި ކަމަށްވިޔަސް އިރާގުގައި އެމެރިކާ ސިފައިން ބޭތިއްބުމުގެ ހަގީގީ ބޭނުމަކީ އިރާގުގެ ބިން ބޭނުންކޮށްގެން އަވަށްޓެރި އީރާނަށް ފިއްތުންތައް ކުރިމަތިކުރުންފަދަ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށް ކަމަށް އިރާގުގައި ހަރަކާތްތެރިވާ އެމެރިކާއާ އިދިކޮޅު ޖަމާއަތްތަކުން ދެކެއެވެ.
އެމެރިކާ ސިފައިން ބާލަންދެން އެމެރިކާ ސިފައިންނަށް ޙަމަލާދޭނެ
މިދިޔައަހަރު ފަހުކޮޅު އެމެރިކާއިން ވަނީ އިރާގުގެ ބިން ބޭނުންކޮށްގެން އީރާނުގެ އިސް އަސްކަރީ ކޮމާންޑަރެއް ކަމަށްވާ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ބޮޑު ޖަރީމާ ހިންގާފައެވެ. އެމެރިކާގެ މިއަމަލަކީ ސްޓޭޓް ޓެރަރިޒަމްގެ އަމަލެއްކަމަށް އީރާނުން ސިފަކޮށްފައިވާއިރު އީރާނުންވަނީ އެކަމަށް ބަދަލު ހިފުމުގެ ގޮތުން އިރާގުގައިވާ އެމެރިކާ ސިފައިންނަށް ބަލިސްޓިކް މިސައިލުން ޙަމަލާދީ އެމެރިކާގެ 90 އަށްވުރެ ގިނަ ސިފައިން ޒަޚަމްކޮށްލާފަ އެވެ. އަދި އިރާގުގައި ހަރަކާތްތެރިވާ އެމެރިކާއާ އިދިކޮޅު ޖަމާއަތްތަކުންވަނީ ބަޣްދާދުގައި ހުންނަ އެމެރިކާ ގެ އެންބަސީއަށް އެތަށް ފަހަރަކު ރޮކެޓް ޙަމަލާތައް ދީފައެވެ. މީގެއިތުރުން އެޖާއަތްތަކުންވަނީ އެމެރިކާ ސިފައިން އިރާގުން އެއްކޮށް ފައިބަންދެން އެމެރިކާ ސިފައިންނަށް ހަމަލާތައް ދެމުން ގެންދާނެކަން ހާމަކޮށްފައެވެ. ދާދިފަހުންވެސް އިރާގުގެ ޖަމާއަތްތަކުން އިރާގުގައިވާ އެމެރިކާގެ މަރުކަޒުތަކަށް ރޮކެޓް ޙަމަލާތައް ދީފައިވެއެވެ.
(ނޫސްއެޖެންސީތައް)