ދިއްލީ (ސެޕްޓެމްބަރު 10): އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުމުގެ ސަބަބުން މިދިޔަ މާޗު މަހު ބަންދު ކުރި ތާޖު މަހަލް މި މަހުގެ 21ގައި ހުޅުވާލާނެ ކަމަށް އެގައުމުން ބުނެފި އެވެ.

ތާޖު މަހަލް ހުންނަ އުއްތަރަ ޕްރަދޭޝްގެ ޓުއަރިޒަމް ޑިޕާޓްމެންޓުގެ ޑެޕިއުޓީ ޑިރެކްޓަރު އަމިތު ސްރިވަސްތަވާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނޭ އެ ބިނާ ފަތުރުވެރިންނަށް ހުޅުވާލާނީ ޖިސްމާނީ ގައިދުރުކުރުމުގެ ފިޔަވަޅުތަކާ އެކުގަ އެވެ.

"ތާޖު މަހަލް ސެޕްޓެމްބަރު 21ގައި ހުޅުވާނެ. އަދި ޖިސްމާނީ ގައިދުރުކަމާއި މާސްކު އެޅުން ފަދަ ކޮވިޑް-19ގެ ހުރިހާ ޕްރޮޓޮކޯލްއަކަށް އަމަލު ކުރާނެ،" ސްރިވަސްތަވާ ވިދާޅުވި އެވެ.

އާއްމު ގޮތެއްގައި ދުވާލަކު 20،000 މީހުން ޒިޔާރަތް ކުރާ ތާޖު މަހަލް އަލުން ހުޅުވާލުމުން އެ ބިނާއަށް ކޮންމެ ދުވަހަކު ޒިޔާރަތް ކުރެވޭނީ 5،000 މީހުންނަށެވެ. އަދި އެ މީހުންނަށް ދޭނީ އީ-ޓިކެޓުތައް ކަމަށާއި އެތަނުގައި ގިނަ އަދަދެއްގެ މީހުން އެއްވެ އުޅުން ހުއްޓުވުމަށް ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުންޏެވެ.

މީގެ އިތުރުން ތާޖު މަހަލްއަށް ޒިޔާރަތް ކުރާ މީހުންގެ ސިއްހީ ހާލު ބަލާ، ގަވާއިދުން އެ ބިނާ ސެނިޓައިޒް ކުރަން ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާއިން ތާޖު މަހަލް ހުޅުވަން ނިންމާފައި ވަނީ ކޮރޯނާވައިރަހުގެ ކޭސްތައް ދެވަނައަށް އެންމެ ގިނަ ގައުމަކަށް އެގައުމުވީ ފަހުންނެވެ. އެގޮތުން އިންޑިއާގައި މިހާތަނަށް ހަތަރު މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 73,890 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެގައުމުން ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ސްޓޭޓުތަކުގެ ތެރޭގައި އުއްތަރަ ޕްރަދޭޝް ހިމެނެ އެވެ. އެ ސްޓޭޓުން މިހާތަނަށް ވައިރަހުގެ 270،000އަށް ވުރެ ގިނަ ކޭސް ވަނީ ފެނިފަ އެވެ.