ލަންޑަން (ސެޕްޓެމްބަރު 10): އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އަސްޓްރާޒެނެކާ ކުންފުނިން އުފައްދާ ކޮރޯނާވައިރަސް ވެކްސިންގެ ތަހުލީލުތައް ކުރިއަށްގެންދަނިކޮށް، އެ ޓެސްޓުތަކުގައި ބައިވެރިވި މީހަކު ބަލިވުމާ ގުޅިގެން ޓެސްޓުތައް މަޑުޖައްސާލައިފި އެވެ.

އޮކްސްފޯޑާއި އަސްޓްރާޒެނެކާގެ ވެކްސިންގެ ޓެސްޓުތައް މަޑުޖައްސާލާފައި ވަނީ އެންމެ ފަހު ޓެސްޓު މަރުހަލާ ކަމަށްވާ ތިން ވަނަ ފިޔަވަހީގެ ތަހުލީލުތައް ކުރިއަށްގެންދަނިކޮށެވެ. އެގޮތުން އެތައް ހާސް މީހުން ބައިވެރިކޮށްގެން ދިގު މުއްދަތަކަށް ކުރިއަށްގެންދާ އެ ޓެސްޓުތައް އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ، އިންޑިއާ، ބްރެޒިލް އަދި ދެކުނު އެފްރިކާގައި ވެސް ދަނީ ކުރިއަށްގެންދަމުންނެވެ.

ނިއު ޔޯކް ޓައިމްސްގައިވާ ގޮތުން އެ ޓެސްޓުތަކުގެ ތެރެއިން ބަލިވެފައި ވަނީ އިނގިރޭސިވިލާތުގައި ހުރި މީހެކެވެ. އަދި އެ މީހާ ބަލިވި ސަބަބާއި ވެކްސިނާ ގުޅުމެއްވޭތޯ މިނިވަން ފަރާތަކުން ބަލާނެ އެވެ.

އަސްޓްރާޒެނެކާއިން ބުނި ގޮތުގައި ޓެސްޓުތައް މަޑުޖައްސާލުމަކީ ތަހުލީލުތައް ކުރިއަށް ދަނިކޮށް މީހަކު ގޮތް ނޭނގޭ ގޮތަކަށް ބަލިވުމުން އާއްމު އުސޫލުން ކުރަން ޖެހޭ ކަމެކެވެ. އަދި އެފަދަ ބޮޑެތި ތަހުލީލުތައް ކުރިއަށްގެންދާ އިރު ވެކްސިނާ ގުޅުމެއް ނެތް ސަބަބަކާ ހެދި މީހުން ބަލިވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ނަމަވެސް އެފަދަ ކަންތައްތައް މިނިވަންކޮށް ބަލަން ޖެހޭނެކަން ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ ކަމާ ބެހޭ މާހިރުން ވަނީ ވެކްސިންގެ ޓެސްޓުތައް މަޑުޖައްސާލުމަކީ ރަނގަޅު ކަމެއް ކަމަށާއި އޭގެއިން އެނގިގެން ދަނީ ވެކްސިންގެ ރައްކާތެރި ކަމަށް އިސްކަންދޭ މިންވަރުކަން ކަމަށް ބުނެފަ އެވެ.

އެ ވެކްސިން އުފެއްދުމާ ގުޅުން ހުރި ބަޔަކާ ހަވާލާދީ ފައިނޭންޝަލް ޓައިމްސްގައިވާ ގޮތުން އެ މައްސަލަ ބެލުމަށް ފަހު އަންނަ ހަފްތާގައި އަނެއްކާ ވެސް ޓެސްޓުތައް ފެށޭނެ ކަމަށް ލަފާ ކުރެވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނާ ގޮތުގައި ކޮރޯނާވައިރަހުން ރައްކާތެރިވުމަށް މިހާތަނަށް 180 ވެކްސިނެއް ޓެސްޓު ކުރަމުންދާ އިރު އޭގެ ތެރެއިން އެއްވެސް ވެކްސިނެއްގެ ޓެސްޓުތައް އަދި ނިމިފައެއް ނުވެ އެވެ. އަދި އެފަދަ ޓެސްޓުތައް ފުރިހަމަ ކުރަން ދިގު މުއްދަތެއް ނަގާތީ، އެޖަމްއިއްޔާގެ ގައިޑްލައިންތަކުގެ މަތިން ބޭނުން ކުރަން ހުއްދަ ދެވޭނެ ފަދަ ވެކްސިނެއް މިއަހަރު ތެރޭ ޓެސްޓުކޮށް ނިމުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.

ޑަބްލިޔުއެޗްއޯއިން އެފަދައިން ބުނި ނަމަވެސް ޗައިނާ އާއި ރަޝިއާ އިން ވަނީ އެ ދެ ގައުމުން އުފައްދާ، މިހާރުވެސް ޓެސްޓު ކުރަމުންދާ ވެކްސިންތަކެއް ދެ ގައުމުގެ ބައެއް ރައްޔިތުންނަށް ދޭން ފަށައިފަ އެވެ.