10 Sep 2020, 07:58
މާލެއިން ރަށްރަށަށް ދާ މީހުންގެ ތެރެއިން ހޯމް ކަރަންޓީނު ފުރިހަމަ ކުރާ މީހުންގެ ރިލީޒް ސާމްޕަލް އިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ 91 މީހަކު ރާއްޖޭގެ 25 ރަށެއްގައި އެބަތިބި ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭ އިން ރޭ އާންމުކުރި މައުލޫމާތަށް ބަލާއިރު މީހުން ދިރިއުޅޭ 25 ރަށެއްގައި 91 ކޭސް އަދި 21 ރިސޯޓެއްގައި 65 ކޭސް ވަނީ ރިޕޯޓް ކޮށްފަ އެވެ.
ރިސޯޓުތަކުން މިވަގުތު 17 ފަތުރުވެރިންނާއި 48 ސްޓާފަކު ޕޮޒިޓިވް ވެފައިވެ އެވެ.
ރަށްރަށުގައި މިވަގުތު ހުރި ޕޮޒިޓިވް ކޭސްތަކަށް ބަލާއިރު ހަތް ބިދޭސިންނާއި 84 ދިވެއްސަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ކޮވިޑު ޕޮޒިިވް މީހުން ތިބި ރަށްރަށުގެ ތެރެއިން ގދ. ހޯނޑެއްދޫ އާއި މަޑަވެލި އޮތީ މޮނީޓަރިންގަ އެވެ.
އިއްޔެ ރާއްޖެއިން 93 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. މީގެ ތެރެއިން ހަތް ކޭހަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެ ސަރަހައްދުން 86 މީހަކު އިއްޔެ އެކަނި ޕޮޒިޓިވް ވެފައިވެ އެވެ.
މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 8،834 އަށް ވަނީ އަރައިފައެވެ. މިހާރު ބައްޔަށް ފަރުވާދެމުންދަނީ 2،509 މީހުންނަށެވެ. އޭގެ ތެރެއިން 1034 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު، ހޮސްޕިޓަލުތަކުގައި ތިބީ 127 މީހުންނެވެ.
އެޑްމިޓްކޮށް ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހަތަރު މީހަކަށް މިވަގުތު ފަރުވާދެމުންދަނީ ވެންޓިލޭޓަރުގަ އެވެ. އެއީ ޑީއެޗް 11 ގެ އައިސީޔޫގައި ތިބި ދެ މީހުންނާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ތިބި 111 މީހުންގެ ތެރެއިން ދެ މީހެކެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ޖުމްލަ ފަސް މީހަކު އެބަތިއްބެވެ.
ރާއްޖޭގައި ޖުމްލަ 6،288 މީހަކު ބަލިން ރަނގަޅުވެފައިވާއިރު 31 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.