ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބައެއް މީހުން އެކި ސަބަބުތަކާ ހުރެ ގޭގައި ތިބޭ ކަމަށާއި މިގޮތަށް ގޭގައި ތިބޭ ބަލިމީހުންގެ ހާލު ކުއްލިއަކަށްވެސް ގޯސްވެއްޖެ ނަމަ އެކަން ލަސްނުކޮށް ރިޕޯޓު ކުރުމަށ ޑރ. މޫސާ މުރާދު އިލްތިމާސް ކުރައްވައިފި އެވެ.

މިރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ ފެސިލިޓީތަކަށް ނުގެންގޮސް ގޭގައި ތިބޭ މީހުންގެ ތެރޭގައި ރިސްކު ބޮޑު މީހުންވެސް އެބަތިބި ކަމަށެވެ.

"ބައެއް ފަހަރަށް ތަންކޮޅެއް ރިސްކު ހައި ބޭފުޅުންވެސް އެބަ ތިއްބަވާ ގޭގަިއ. މާބަނޑު ބޭފުޅުންވެސް އެބަ ތިއްބަވާ، ކުޑަކުދިންވެސް އެބަ ތިއްބަވާ ގޭގައި ޕޮޒިޓިވް ވެފައިވެސް. އެގޮތަށް ތިއްބަވާއިރުގައި އަލުގަނޑުމެން ވަރަށް ބޮޑަށް އެދެން އެ ދިމާވާ ސިއްހީ މައްސަލަތަކަށް ސަމާލުވެލައްވައިގެން ތިބުން،" ޑރ ވިދާޅުވި އެވެ.

"ކޮވިޑް19 މި ބައްޔަކީ ރިސްކު ބޮޑު ބޭފުޅުންނަށް ހާޢްސަކޮށް އުމުރުން ދުވަސްވީ ބޭފުޅުންނަށް އޭގެ މައްސަލަތައް ހަމަ ކުއްލިއަކަށް ދިމާވާ ކަހަލަ ބައްޔެއް. ކުރިއާލާ މާ ބޮޑު އިޝާރާތެއް ނެތިވެސް ބައެއް ފަހަރަށް އެބަ ނޭވާލާން އުނދަގޫވެ އެކަހަލަ ކަންތައް ދިމާވޭ. ގޭގައި ތިއްބަވާއިރު މިފަދަ ސިއްހީ އަލާމާތްތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ، އެއްވެސް ކަހަލަ އުނދަގުލެއް، ޝައްކުވާކަހަލަ އެއްވެސް ކަމެއް ވާހެން ހީވާނަމަ ސިއްހީ އެހީތެރިކަން ހޯދުމަށް އޮންނަ މަގުން އެ އެހީތެރިކަން ހޯދުމަކީ ވަރަށް މުހިއްމު ކަމެއް،"

ކޮވިޑު ބަލިމީހުންގެ ތެރެއިން އެމަޖެންސީ އެހީތެރިކަން ބޭނުންވާނަމަ 1676 އަށް ގުޅުމުން އެމަޖެންސީ އެހީތެރިކަން ލިބޭނެ އެވެ.